ވަކާލާތުކުރާ ދާއިރާތައް

ކޮންޓްރެކްޓުތަކާގުޅިގެން އުފެދޭ މައްސަލަތައް

ދެފަރާތުން އެއްބަސްވުމެއް ޤާއިމްކުރުމުގައި ޤާނޫނީގޮތުން ބަނދެވުމުގެ ނިޔަތުގައި ޝަރުޢީ ކޯޓުތަކުން ތަންފީޒުކުރެވޭ ގޮތަށް އެއްބަސްވުންތައް އެކުލަވާލެވެން ޖެހެއެވެ. މިގޮތުން އެކުލަވާލެވޭ އެއްބަސްވުންތަކުގެ ތެރެއިން އުފެދޭ މައްސަލަތައް ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމާއި އަދި ޝަރުޢީ ކޯޓުތަކުގައި ކުލަޔަންޓުންގެ ދިފާޢުގައި ކްރިސްޓަލް ޗެމްބަރސްއިން ސާބިތުކަމާއެކު މަސައްކަތް ކުރެއެވެ. އެއްބަސްވުންތަކާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލުކުރުމުގައި އެންމެ އަސާސީ ޤާނޫނަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އެވެ. މި ޤާނޫނުގައި ކޮންޓްރެކްޓުގެ ރުކުންތަކާއި ޤާނޫނީގޮތުން ބަނދެވޭފަދަ ކޮންޓްރެކްޓުތަކުގައި ހިމެނެންޖެހޭ މުހިންމު ބައިތަކާއި ކޮންޓްރެކްޓާ ޚިލާފުވުމާއި އެކަމުގެ ޒިންމާ އުފުލުމާބެހޭ މުހިންމު އެތައް ކަމެއްވަނީ ހިމެނިފައެވެ.

މަދަނީ މައްސަލަތައް

މަދަނީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހުށަހެޅެނީ މާލޭގައިނަމަ ސިވިލް ކޯޓަށް، އަދި އަތޮޅުތަކުގައިނަމަ މެޖިސްޓްރޭޓު ކޯޓުތަކަށެވެ. ސިވިލް ކޭސްތަކަކީ މުދަލާއި ފައިސާގެ މައްސަލަތަކާއި ކުއްޔަށްދޫކުރާ ތަކެތީގެ މައްސަލަތަކާއި އަބުރާބެހުމުގެ މައްސަލަތަކާއި ގޯތި ގެދޮރު ގަނެވިއްކުމާއި އިދާރީ ޠަބީޢަތުގެ މައްސަލަތައް ފަދަ ޕްރައިވެޓްލޯގެ ދާއިރާއަށް ނިސްބަތްކުރެވޭ މައްސަލަތަކެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ފަރާތުން ދެންނެވުނު ހުރިހާ ބާވަތެއްގެ މައްސަލަތަކުގައިވެސް ވަކާލާތުކޮށްދީ ޤާނޫނީ ލަފާ ފޯރުކޮށްދެއެވެ.

ބިން ވިއްކުމާއި ގަތުން

ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަކީ ރާއްޖޭގެ ބިމާބެހޭ ނޫނީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވި މުހިންމު ޤާނޫނެކެވެ. އެ ޤާނޫނުގެ ދަށުން ކުރިން ހުއްދަވެފައިވާ ބައެއް ކަންކަން މަނާވުމާއި ބަންޑާރަ ގޯއްޗާއި އަމިއްލަގޯތީގެ މުޢާމަލާތްތައް ކުރުމުގައި ހަރުދަނާ ގިނަ އުސޫލުތަކެއްވަނީ ތަޢާރަފްވެގެން ގޮސްފައެވެ. ބިމާބެހޭ މައްސަލަތަކަކީ އެކަމުގެ މަޢުލޫމާތާއި ތަޖްރިބާ ލިބިފައިނުވާ ފަރާތްތަކަށް ކުރަން ފަސޭހަ މަސައްކަތަކަށް ނުވާނެއެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ އަކީ ބިމާއި، ޢިމާރާތާއި، ފްލެޓް ފަދަ ތަންތަން ގަނެވިއްކުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެކެވެ. މީގެ ތެރޭގައި ބަންޑާރަބިން އަމިއްލަކުރުމާއި، ގަނެވިއްކުމުގެ އެއްބަސްވުންތައް ހެދުމާއި ކޯޓު މަރުހަލާއިން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދީ ގޯތި ގެދޮރު ރެޖިސްޓްރީކޮށް ނިންމައިދީ، ޓޯޓަލް ސޮލިއުޝަން ފޯރުވައިދެވެއެވެ. މީގެތެރޭގައި މާލެ އާއި އަތޮޅުތަކުގެ ބިމާބެހޭ މައްސަލަތައްވެސް ހިމެނެއެވެ.

ދަރަނި ހޯދައިދިނުން

މުދާ ކްރެޑިޓަށް ދީގެންނޫނީ މިޒަމާނުގައި ވިޔަފާރިތައް ހިންގުމަކީ ދަތި ކަމެކެވެ. މިގޮތުން ވިޔަފާރި ފުޅާކުރުމާއެކު ދަރަނި ހޯދައިދިނުމުގެ ނިޒާމުވެސް ފުޅާކުރެވެންޖެހެއެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީއަކީ ޑެޓް ރިކަވަރީގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ލޯ ފާމެކެވެ. ޑެޓް ރިކަވަރީގެ މަސައްކަތުގައި ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ފަރާތުން ސަމާލުކަންދެނީ ކަސްޓަމަރުންނާ ވިޔަފާރިތަކާ އޮންނަ ގުޅުން ބަދަހިކުރުމާއެކު ދެފަރާތުން ވާހަކަ ދައްކައިގެން ޞުލްޙަވެރި ޤާނޫނީ ޙައްލެއް ހޯދައިދިނުމަށެވެ. އަދި ދަރަނިތައް ހޯދުމަށް ކިތަންމެ ބުރަ މަސައްކަތްތަކެއް ކުރިނަމަވެސް ފައިސާ ހޯދާ ވިޔަފާރިތަކަށް ރައްދުކޮށް ނުދެވޭނަމަ ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ މަސައްކަތަށް ކްލަޔަންޓުން އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. މިކަމުގެ ސަބަބުން ފާމުގެ މަޤުބޫލުކަން އިތުރުވެ ރިކަވަރކުރެވުނު ފައިސާގެ އަދަދު މިހާރުވަނީ އެތައް މިލިއަނަކަށް އަރާފައެވެ. މީގެތެރޭގައި އެކި ފަރާތްތަކުން ދީފައިވާ ޗެކުތަކަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމަކީވެސް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ޚާއްޞަ ދާއިރާއެކެވެ.

ހިބައިން ދިނުމުގެ މައްސަލަތައް

މީހާ ގަދަވެ ސަލާމަތުން ދުނިޔޭގައިހުރެ އޭނާގެ މުދާ ނުވަތަ ގޯތި ގެދޮރު ހިބައިން ދިނުމަކީ ފެށުނީއްސުރެ ރާއްޖޭގައި ކުރެވޭ ކަމެކެވެ. އަދި މިހާރުވެސް ހިބައިގެ މައްސަލަތައް ކޯޓުތަކުގައި ބެލެވެއެވެ. ހިބައިގެ މައްސަލަތަކުގައި މުދާ ނުވަތަ ގޯތި ގެދޮރު މިލްކު ކޮށްދެވެނީ އެއްވެސް ބަދަލަކާ ނުލައެވެ. އަދި ޝަރީޢަތުން މައްސަލަ ނިމުމާއެކު މިލްކުވެރިކަން ހިބަ ލިބުނު ފަރާތުގެ ނަމަށް ބަދަލުވެގެންދެއެވެ. ހިބައިގެ މައްސަލަތައް މާލޭގައިނަމަ މިހާރު ހުށަހެޅެނީ ފެމިލީ ކޯޓަށެވެ. އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓަށެވެ. މީހެއްގެ އެކި ދަރިންގެ މެދުގައި ތަފާތުވާނެހެން ނުވަތަ ވަކި ދަރިންތަކެއް އެކަހެކިކޮށް ބާކީކޮށް ހިބައިން ދިނުން ހުއްދަވެގެން ނުވެއެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ފަރާތުން ހިބައިގެ މައްސަލަތައް ކޯޓަށް ހުށަހަޅައިދީ ކޯޓުގައި މައްސަލަ ހުށަހަޅާފަރާތާއި ހިބަ ލިބޭ ފަރާތް ތަމްސީލު ކޮށްދެއެވެ.

ވަޒީފާއާބެހޭ މައްސަލަތައް

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ވުޖޫދަށް އައުމަކީ ވަޒީފާދޭފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. ވަޒީފާދޭ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމުގައި އެންމެ މުހިންމުކަމަކީ މުވައްޒަފުންނަށް ލިބެންޖެހޭ ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ޤާނޫނުގައިވާގޮތަށް އަކުރުން އަކުރަށް ތަންފީޒު ކުރުމެވެ. މިގޮތުން ވަޒީފާއާބެހޭ ޤާނޫނުގައި ބުނާގޮތަށް ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލުމާއި ވަޒީފާބަޔާން އެކުލަވާލުމަކީ ވަޒީފާދޭފަރާތުން ކުރަންޖެހޭ ކަމެކެވެ. ވަޒީފާއަދާކުރާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރެވޭ އުސޫލުން ވަޒީފާދޭ ފަރާތުގެ ޙައްޤުތައްވެސް ޙިމާޔަތް ކުރެވެން ޖެހެއެވެ. ވަޒީފާއާބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ނެތްނަމަވެސް އިޤްތިޞާދީ ދަތިކަމެއްގެ ތެރެއިން ރިޑަންޑެންސީގެ ހާލަތުގައި މުވައްޒަފުންނާމެދު ކަންކަން ކުރަންވާނެގޮތް ދިވެހިރާއްޖޭގެ ހައިކޯޓުންގެ ޤަޟިއްޔާތަކުން ވަނީ ކަނޑައަޅާފައެވެ. ވުމާއެކު، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ޤާނޫނީ އިމުގެ ތެރެއިން ޙިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަށް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ މިހާރުވެސް މުހިންމު ދައުރެއް އަދާކުރެއެވެ.

ޖިނާއީ މައްސަލަތައް

ޖިނާއީ މައްސަލަތަކުގައި ތަޙްޤީޤު މަރުޙަލާއާއި، ބަލާ ފާސްކުރުމާއި، ޝަރީޢަތުގެ ތެރެއިން ޤާނޫނީ އެތައް ޙައްޤެއް ގެއްލިގެންދަނީ އެކަންކަން ހިނގާގޮތުގެ ފުރިހަމަ މަޢުލޫމާތު ތުހުމަތު ކުރެވޭ ފަރާތްތަކަށް ނުލިބޭތީއެވެ. އެފަދަ މައްސަލަތަކުގައި އެހީތެރިކަން ހޯދޭ ޤާނޫނީ ވަކީލުންނަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތު ޤާނޫނު) އާއި ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލް ޢުޤޫބާތު) އަށް ފަރިތަ މުޅި ނިޒާމަށް ލޯހުޅުވޭ މަޢުލޫމާތު ހުރި ބަޔަކަށްވާންޖެހެއެވެ. ޕަބްލިކް ލޯގެ ދާއިރާގައި ހިމެނޭ ހުރިހާ ދާއިރާއެއްގައި ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ދަނީ ހަރަކާތްތެރިވަމުންނެވެ.

ތަރިކައިގެ މައްސަލަތައް

މީހަކު މަރުވުމަށް ފަހު އޭނާ ދޫކޮށްފައިދާ މުދަލާމެދު ޢަމަލުކުރަންވާނެގޮތް އިސްލާމްދީނުގައިވަނީ ސާފުކޮށް ކަނޑައަޅާފައެވެ. މިގޮތުން އެންމެ ފުރަތަމަ އޭނާގެ މުދަލުން އަދާކުރަންޖެހެނީ ޖަނާޒާގެ ޚަރަދުތަކެވެ. އޭގެ ފަހުގައި އޭނާގެ ދަރަނިތައް އަދާކޮށް ވަޞިއްޔަތެއް ކޮށްފައިވާނަމަ އެ ވަޞިއްޔަތެއް ތަންފީޒު ކުރާނީއެވެ. އެއަށްފަހު ބާކީ ހުންނަ އެއްޗެއް އޭނާގެ ވާރިސުންގެ މެދުގައި ކީރިތި ޤުރުއާނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ބަހާނީއެވެ. ކީރިތި ޤުރުއާނުގައި ސޫރަތުއް ނިސާ ގެ 07 ވަނަ އާޔަތުގެ މާނާގައިވެއެވެ. މައިންބަފައިންނާއި ތިމާގެ މީހުން ދޫކުޅަ ތަކެތީގެ ތެރެއިން ފިރިހެނުންނަށް ބައެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެ މީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބައެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބައެއްގެ ގޮތުގައެވެ. ތަރިކައިގައި ހިމެނޭ ބިން ވާރިސުންގެ މެދުގައި ބެހުމުގައި އެކި ދުވަސްވަރު އެކިގޮތަށް ޢަމަލު ކުރެވެމުން ދިޔަނަމަވެސް މުދަލުން ބައިލިބުމުގައި ރާއްޖޭގައި ޢަމަލު ކުރެވެނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށެވެ. މާލޭގައި ނަމަ ތަރިކައިގެ މައްސަލަތައް ހުށަހެޅެނީ ފެމިލީ ކޯޓަށެވެ. އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. ކްރިސްޓަލް ޗެމްބަރސް ގެ ފަރާތުން ތަރިކައިގެ މައްސަލަތައް ކޯޓަށް ހުށަހަޅައިދީ ކޯޓުތަކުގައި ތަމްސީލުކޮށްދެއެވެ.

އިންޝުއަރެންސް

އިންޝުރެންސްގެ ވިޔަފާރިއަކީ ރާއްޖޭގައި ހަލުއިކަމާއެކު ފުޅާވަމުން އަންނަ ވިޔަފާރިއެކެވެ. ގޯތިގެދޮރާއި އޮޑިދޯނި ފަހަރާއި ވިޔަފާރިމުދާ އިންޝުއަރެންސް ކުރުމުގެ މުޢާމަލާތްތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އިންޝުއަރެންސްގެ ދާއިރާއާ ގުޅިގެން އެއްވެސް ފަރާތެއްގެ ޙައްޤެއް ގެއްލިފައިވާނަމަ އެ ޙައްޤެއް ހޯދައިދެވޭނީ އިންޝުއަރެންސްގެ މަސައްކަތް ހިނގާނުހިނގާގޮތް ރަނގަޅަށް ދަންނަ ފަރާތްތްކަށެވެ. މިގޮތުން ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ފަރާތުން އިންޝުއަރެންސްގެ ވިޔަފާރިއާގުޅޭ މައްސަލަތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ބިމާބެހޭ މައްސަލަތައް

ބިމާބެހޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބަންޑާރަބިން އަމިއްލަކުރުމާއި، ބިން ވިއްކުމާއި، ބިން ގަތުމާއި، އެއްމެދު ޢިމާރާތެއްގެ ގޮތުގައި ބިންބިމުގައި ހުންނަ ގޯތި ގެދޮރު ހަމަޖެއްސުމާއި، ލާޖެއްސުމާއި، ހިބައާއި ވަޞިއްޔަތުން ދިނުމާއި، ބެލުން ޝަރުޠުކޮށް ދީފައިވާ ދިނުންތައް ތަންފީޒު ކުރުންފަދަ މައްސަލަތަކެވެ. ދެންނެވުނު ހުރިހާ ބާވަތެއްގެ މައްސަލަތަކަކީ ވެސް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ފަރާތުން ހުށަހަޅައިދޭ އަދި ވަކާލާތުކޮށްދޭ މައްސަލަތަކެވެ.

ޢާއިލީ މައްސަލަތައް

ޢާއިލީ މައްސަލަތަކަކީ ދެމަފިރިންގެ ކާވެންޏާ ގުޅިގެން އުފެދޭ މައްސަލަތަކެވެ. އޭގެ ތެރޭގައި ގެވެށިއަނިޔާއާއި، ވަރީގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުގެ ތެރެއިން ޙައްލު ހޯދޭނެ ޢާއިލީ މައްސަލަތަކާއި، ކުދިންގެ ޚަރަދާއި ޙަޟާނަތުގެ މައްސަލަތައް ހިމެނެއެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީއިން ޢާއިލީ ހުރިހާ މައްސަލަތަކަކަށް ޤާނޫނީ ޙައްލު ހޯދައިދިނުމުގައި އެހީތެރިވެދެއެވެ.

ވަޞިއްޔަތުން ދިނުމުގެ މައްސަލަތައް

މީހަކު ނިޔާވުމުން އޭނާގެ މުދަލާމެދު އޭނާ ކޮށްފައިވާ ވަޞިއްޔަތް ތަރިކަ ބެހުމުގެ ކުރިން ތަންފީޒު ކުރުމަށް ކީރިތި ޤުރުއާނުގައިވަނީ އަންގަވާފައެވެ. މަރުވުމުގެ ކުރިން އޭނާގެ މުދަލާމެދު ޢަމަލުކުރާނެ ގޮތް ކަނޑައެޅޭ އެއްގޮތަކީ އެމުދާ ވަޞިއްޔަތުން ދިނުމެވެ. ވަޞިއްޔަތުން ދެވެނީ މުދަލުގެ ތިންބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ މަދުންނެވެ. ވާރިސުންނަށް ވަޞިއްޔަތް ކުރުން ހުއްދަވެގެންނުވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ހަމައެއާއެކު ވާރިސުންނަށް ދެރަޔާއި ނިކަމެތިކަން ދިނުމަށް ވަޞިއްޔަތް ކުރުން ހުއްދަވެގެން ނުވެއެވެ. ވަޞިއްޔަތުން ދިނުމުގެ މައްސަލަތައް މާލޭގައި ހުށަހެޅެނީ ފެމިލީ ކޯޓަށެވެ. އަދި އަތޮޅުތަކުގައި ހުށަހެޅެނީ އެރަށެއްގައިވާ މެޖިސްޓްރޭޓް ކޯޓަށެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ފަރާތުން ވަޞިއްޔަތުގެ މައްސަލަތައް ހުށަހަޅައިދިނުމާއި ކޯޓުގައި ތަމްސީލުކުރުމުގެ ޚިދުމަތް ދެއެވެ.

ޚިދުމަތްތައް

މީޑިއޭޝަން

މިޑިއޭޝަންގެ ޚިދުމަތަކީ ޞުލްޙަވެރިކަމާއެކު މައްސަލަތައް ޙައްލުކުރުމެވެ. ޝަރީޢަތުން ބޭރުންނާއި ޝަރުޢީ މަރުހަލާގެ ތެރެއިން މައްސަލަތަކުގައި ޞުލްޙަވެރި އެތައް ޙައްލެއް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ޓީމުންވަނީ މިހާތަނަށްވެސް ހޯދައިދީފައެވެ. ދެފަރާތުގެ މަޞްލަޙަތު އެންމެ ފުރިހަމައަށް ހިމާޔަތްކުރެވޭނީ ކަމުގެ ތަޖުރިބާ ހުރި ފަރާތަކުން މީޑިއޭޓު ކޮށްގެންނެވެ. ވުމާއެކު، މައްސަލަތަކުގައި ހޯދައިދެވޭ ޞުލްޙަވެރި ޙައްލަކީ މިޒަމާނުގައި ކުރިއަރަމުން އަންނަ އެއްދާއިރާއެވެ.

އެޓެސްޓް ކުރުން

ޤާނޫނީ ވަކީލުން ފޯރުކޮށްދޭ އެއް ޚިދުމަތަކީ ޑޮކިއުމެންޓުތަކުގައި އަސްލާ އެއްގޮތްކަމަށް ޖަހައިދޭ ތައްގަނޑެވެ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޕާސްޕޯޓާއި އައިޑީ ކާޑު ފަދަ ތަކެތީގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހައި "އެޓެސްޓް" ކުރުމަކީ ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ފަރާތުން ވަގުތުން ފޯރުކޮށްދޭ ޚިދުމަތެކެވެ.

ތަރުޖަމާކުރުން

ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ފަރާތުން ފޯރުވައިދޭ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ދިވެހިބަހުން އިނގިރޭސިބަހަށް އަދި އިނގިރޭސި ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ޢަރަބި ބަހުން ލިޔެކިޔުން ތައްޔާރުކުރުމާއި ތަރުޖަމާކުރުމުގެ ޚިދުމަތްވެސް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ފަރާތުން ފޯރުވައިދެވެއެވެ. މީގެ ތެރޭގައި ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި ކޯޓުތަކުން ނިންމުންތައްވެސް ތަރުޖަމާކުރުމުގެ ޚިދުމަތް މިހާތަނަށް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ފަރާތުންވަނީ އެކި ފަރާތްތަކަށް ފޯރުކޮށްދީފައެވެ. މި މަސައްކަތުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބޭނުންވާ ގަޑިއަށް އެތަކެތި ނިންމައިދިނުމެވެ.

ޤާނޫނީ ލަފާދިނުން

ޢާންމު ދިރިއުޅުމުގައާއި ވިޔަފާރީގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން ލިބިގަންނެވޭ ޤާނޫނީ ލަފައަކީ ހެއުލަފާ، އިތުބާރު ކުރެވޭ ފަރާތަކުންދޭ ލަފަޔަކަށް ވުމަކީ މުހިންމު ކަމެކެވެ. ދެންނެވުނު ފަދަ އިތުބާރު ކުރެވޭ ފަރާތަކުންދޭ ޤާނޫނީ ލަފައެއް ބޭނުންވާނަމަ އަޅުގަނޑުމެންގެ އެހީތެރިކަން ހޯއްދަވާށެވެ.

އެގްރީމެންޓް ތައްޔާރު ކުރުމާއި ރެޖިސްޓްރީ ކުރުން

ޤާނޫނީ އިމުގެތެރެއިން ދެފަރާތުގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ގޮތަކަށް އެއްބަސްވުންތައް އެކުލަވާލުމަކީ ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރެވެންޖެހޭ މަސައްކަތެކެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނާއި ކޮންޓްރެކްޓާބެހޭ ޤާނޫނީ އިމުގެ ތެރެއިން ކޯޓުތަކުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމެވުންތަކަކީ ކޮންޓްރެކްޓުތައް އެކުލަވާލުމުގައި ބެލެވެންޖެހޭ މުހިންމު އެއް ދާރިއާއެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނީ ނިޒާމުގައި ވެސް އިނގިރޭސިވިލާތާއި އިންޑިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިފައިވެއެވެ. ޤާނޫނީ އިމުގެ ތެރެއިން އެއްބަސްވުންތައް އެކުލަވާލުމަށް ފަހު ބައެއް ފަރާތްތަކުން ބޭނުންވަނީ އެ އެއްބަސްވުންތައް ކޯޓުތަކުގައި ރެޖިސްޓްރީ ކުރުމަށެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ފަރާތުން ކޮންޓްރެކްޓުތައް އެކުލަވާލުމާއި ކޯޓުތަކުގައި ރެޖިސްޓްރީ ކޮށްދިނުން ފަދަ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެއެވެ.

ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން

ފޯރުންތެރިކަން ނެތް ފަރާތްތަކާއި ނިކަމެތިންނަށް އެއްވެސް އަގަކާނުލާ ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކްރިސްޓަލް ޗެމްބަރސް ފާހަގަ ކޮށްލެވެނީ ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ވުޖޫދަށް އައުމުގެ ކުރިންވެސް އެޚިދުމަތް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ޓީމުގެ މެމްބަރުން ފޯރުކޮށްދިނުމެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ އެއް ސިޔާސަތަކީ މާލީ ތަނަވަސްކަން ނެތިކަން ޤާނޫނީ ޚިދުމަތް ނުލިބި ހަމައެކަކުވެސް ބާކީ ނުވުމެވެ. ޤާނޫނީ ޚިދުމަތް ތަފާތު ކުރުމެއްނެތި އެންމެނަށްވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގައި ވަނީ ހަމަޖެހިފައެވެ.

ފޮރިން އިންވެސްޓްމަންޓާއި ކުންފުނި އަދި ޕާޓްނަރޝިޕް ރެޖިސްޓްރީ ކުރުން

ކުންފުނި، ޕާޓްނަރޝިޕް އަދި ފޮރިން އިންވެސްޓްމެންޓު ރެޖިސްޓްރީ ކުރުމަކީ ވިޔަފާރި ފަށައިގަތުމުގައި ކޮންމެހެން ބޭނުންވާ ޚިދުމަތެކެވެ. ޕާޓްނަރޝިޕް ރެޖިސްޓްރީ ކުރުމުގައި ޕާޓްނަރުންގެ މެދުގައި ޤާއިމް ކުރެވެންޖެހޭ އެއްބަސްވުން ޑްރާފްޓްކޮށް ޕާޓްނަރޝިޕް ފަސޭހަކަމާއެކު ހިންގޭނެ ގޮތަކަށް ޕާޓްނަރޝިޕް ޤާއިމްކުރެވެން ޖެހެއެވެ. އަދި ޕާޓްނަރޝިޕް ރޫޅާލަންޖެހިއްޖެ ހާލަތެއްގައި ޕާޓްނަރުންގެ ޙައްޤުތައް ރައްކާތެރި ކުރެވެންޖެހެއެވެ. އެކަން ކުރެވޭނީ ޕާޓްނަރޝިޕް އެކުލަވާލުމުގައި އެކަންކަމުގެ މައްޗަށް ވިސްނައިގެން ޕާޓްނަރޝިޕް ސްޓްރަކްޗަރ ކުރެވިގެންނެވެ. އެކަން ކުރުމުގައި ވިޔަފާރިއާއި މެނޭޖްމަންޓު ދާއިރާގެ ތަޢުލީމާއި ހުނަރު ލިބުމަކީ މުހިންމުކަމެވެ. ފޮރިންއިންވެސްޓްމަންޓުތަކަކީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ބޭނުންކުރާ ވިޔަފާރީގެ މޮޑެލްއެކެވެ. ފޮރިން އިންވެސްޓްމެންޓެއް ރެޖިސްޓްރީ ކުރުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން އެކުލަވާލަންޖެހޭ ފުރަތަމަ ކަމަކީ ރަނގަޅު ބިޒްނަސް ޕްރޮޕޯސަލްއެއް ތައްޔާރު ކުރުމެވެ. މިގޮތުން އެކުލަވާލެވޭ ޕްރޮޕޯސަލް ދިރާސާކޮށް ފޮރިން އިންވެސްޓްމެންޓެއްގެ ގޮތުގައި އެ ވިޔަފާރިއެއް ރެޖިސްޓްރީ ކުރުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެފަރާތަކަށް ދެއެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގައި މިފަދަ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި ވިޔަފާރީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޤާބިލް ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ނޯޓަރައިޒޭޝަން

އެގްރީމެންޓުތަކާއި ލިޔެކިއުން ނޮރައިޒް ކުރުމަކީ ދުނިޔޭގެ ޤައުމުތަކުގެ ލޯފޯމުތަކުން އެތައް ދުވަހެއް ކުރިންސުރެ ފެށިގެން ފޯރުކޮށްދޭ ޚިދުމަތެކެވެ. ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ނޯޓަރައިޒް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުނުތާ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ޚިދުމަތް ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ޓީމުގެ މެންބަރުން ފޯރުކޮށްދޭކަމީ އެ ޚިދުމަތް ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް އޮތް އުފާވެރި ޚަބަރެކެވެ. ކޯޓުތަކުގައި އެއްބަސްވުންތައް ރެޖިސްޓްރީ ކުރުމުގެ ބަދަލުގައި ނޯޓަރައިޒް ކޮށްގެން އެއްބަސްވުންތަކާމެދު ޔަޤީންކަން އުފެއްދެއެވެ.

ޤާނޫނާއި ގަވާއިދު ޑްރާފްޓް ކުރުން

ޤާނޫނުތަކާއި ގަވާއިދުތަކާއ އުސޫލުތައް ޑްރާފްޓްކުރުމަކީ ވަރަށް ފަންނީ މަސައްކަތެކެވެ. އެފަދަ ތަކެތި ޑްރާފްޓް ކުރުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ކްރިސްޓަލް ޗެމްބަރސްގެ ޕާޓްނަރުންނަށް ވަނީ ލިބިފައެވެ. ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކުރުމުގެ ކުރިން އެމަޢުޟޫޢެއްގައި ފުރިހަމަ ދިރާސާތައް ކުރެވެއެވެ. ފުރިހަމަ ދިރާސާނުކުރެވި ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލެވޭނަމަ އެތަކެއްޗަށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް ބޮޑެތި ބަދަލުތައް ގެންނަން ޖެހެއެވެ. ވުމާއެކު އެފަދަ މަސައްކަތްތައް ހަވާލުކުރެވެން ޖެހެނީ ކަމުގެ ޤާބިލްކަން ހުރި ފަރާތްތަކަށެވެ. ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ޓީމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ ހުނަރުވެރި ޤާބިލް ފަރާތްތައް ހިމެނެއެވެ.

މީހުން ދެކޭގޮތް