މި މަޢުޟޫޢުގައި ކުރިން ޝާއިޢުކުރި އާޓިކަލްގައި ބަލައިލަން މަސައްކަތް ކޮށްފައިވާނީ ޝަރްޢީގޮތް ޟަރޫރަތުގެ ޙާލަތު ބޭނުންކުރުން ހުއްދަވާނެ ޙާލަތްތަކާއި، އެ ޙާލަތު މެދުވެރިވެއްޖެކަމަށް ކަނޑައަޅާނެގޮތާއި، އެ އަސާސްގެ މައްޗަށް ހުއްދަވެގެންދާނެ ކަންކަމާ ބެހޭގޮތުންނެވެ. މި ފަހަރު އަލިއަޅުވާލެވޭތޯ ބަލާނީ މިނިވަން ދިމިޤްރާތީ ޤައުމުތަކުގެ ކޯޓުތަކުން ޙާލަތުއްޟަރޫރާ ނުވަތަ ޑޮކްޓްރިން އޮފް ނެސެސިޓީ ގެ ޙާލަތު ބޭނުންކޮށްފައިވާ ގޮތްތަކުގެ މައްޗަށެވެ.
ޤާނޫނުއަސާސީ ކުއްލި ހާލަތުގެ ދަރަޖައަށް ދިއުން (ނެސެސިޓީ އިން ކޮންސްޓިޓިއުޝަނަލް ކްރައިސިސް)
ކެނެޑާ ގެ ސްޕްރީމްކޯޓުން 1985 ވަނަ އަހަރުގެ ތެރޭގައި، 1890 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ މެނިޓޯބާ ޕްރޮވިންސްގައި ހަދާފައިވާ ގާތްގަނޑަކަށް ހުރިހާ ޤާނޫނެއް އެ ޕްރޮވިންސްގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައެޅިއެވެ. އެ ނިންމުމުގެ ސަބަބުން އެ ޕްރޮވިންސަށް ކުރިމަތިވި ޤާނޫނީ ހުސްކަމުން އަރައިގަންނާނެ ގޮތެއް ނެތި ޕްރޮވިންސްގެ ކަންކަން ހުއްޓުމަކަށް އަންނަ ދަރަޖައަށް ދިޔައެވެ. މި ޙާލަތު މެދުވެރިވީ މެނިޓޯބާގެ ޤާނޫނުއަސާސީ 1870 ވަނަ އަހަރު ފާސްކުރި އިރު، އެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި އެ ޕްރޮވިންސްގައި ފާސްކުރާ ހުރިހާ ޤާނޫނެއް އިނގިރޭސިބަހާއި ފްރެންޗު ބަހުން ތަސްދީޤުކޮށްފައި އޮތުން ލާޒިމް ކޮށްފައިވަނިކޮށް، ހަމައެކަނި އިނގިރޭސިބަހުން ޤާނޫނުތައް ފާސްކޮށް ތަޞްދީޤުކޮށް ޝާއިޢުކޮށްފައި އޮތުމުންނެވެ. މެނިޓޯބާގެ ޤާނޫނުއަސާސީ ފާސްކުރިތާ 20 އަހަރު ފަހުން، 1890 ވަނަ އަހަރު މެނިޓޯބާގެ އޮފިޝަލް ލޭންގްއެޖް އެކްޓް ގެ ނަމުގައި ރަސްމީ ބަސް ކަނޑައެޅުމުގެ ޤާނޫނު ފާސްކުރިއެވެ. އެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ މެނިޓޯބާގެ ޤާނޫނުތައް ފާސްކޮށް ތަޞްދީޤުކުރަންޖެހޭނީ އިނގިރޭސި ބަހުން އެކަނި ކަމަށެވެ. އިނގިރޭސިބަހުން އެކަނި ޤާނޫނު ފާސްކޮށް ތަޞްދީޤު ކުރުމަށް ލާޒިމް ކުރުން ވެގެން ގޮސްފައިވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާ ޚިލާފު ނިންމުމަކަށެވެ. ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ޤާނޫނަކީ ޤާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާ ޤާނޫނަކަށް ވުމާއެކު، ރަސްމީ ބަސް ކަނޑައެޅުމުގެ ޤާނޫނާ މެދު 1892 ގައި އަދި 1909 ގައި ކައުންޓީ ކޯޓުގައި ޗެލެންޖު ކުރެވުނެވެ. ނަތީޖާއަކަށްވީ އެ ޤާނޫނު، ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ކައުންޓީ ކޯޓުން ކަނޑައެޅުމެވެ. އަދި އެނިންމުން މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ނުކޮށް އޮތުމުގެ ސަބަބުން އެ ޙުކަމަކީ އިސްތިޤްރާރުވެފައިވާ ޢަމަލުކުރުން ލާޒިމު ޙުކުމަކަށް ވިއެވެ. ކޯޓުގެ މި ނިންމުމާމެދު އެއްވެސް ވަރަކަށް މެނިޓޯބާ ޕްރޮވިންސްގެ ރަސްމީ އިދާރާތަކުން އަޅައެއް ނުލިއެވެ. އޭގެ ފަހުންވެސް ހުރިހާ ޤާނޫނެއް ފާސްކުރަމުން ދިޔައީ ހަމައެކަނި އިނގިރޭސި ބަހުންނެވެ. މިކަމަށް ސަމާލުކަން ލިބިގެން ދިޔައީ 1979 ވަނަ އަހަރު އަލުން މެނިޓޯބާ ލޭންގްއޭޖް އެކްޓާ ގުޅޭ މައްސަލައެއް ކެނެޑާގެ ސްޕްރީމްކޯޓަށް ހުށަހެޅުމުންނެވެ. އޭޖީ މެން-ވ- ފޮރެސްޓް (1979) މައްސަލަ ނިންމަވަމުން ކެނެޑާގެ ސްޕްރީމް ކޯޓުން ކަނޑައެޅުއްވީ މެނިޓޯބާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާ ފުށުއަރާ ކަމަށްޓަކައި، އޮފިޝަލް ލޭންގްއޭޖް އެކްޓަކީ ބާޠިލު ޤާނޫނެއް ކަމަށެވެ.
ފޮރެސްޓް ކޭސްގައި ކަނޑައެޅިގެން ދިޔަ މުހިންމު ނިންމުމަކީ، މެނިޓޯބާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނު ހަދާ މަޖިލީހުން ޤާނޫނުފާސްކުރުމުގައި އިނގިރޭސިބަހާއި ފްރެންޗް ބަހުން ޤާނޫނު ހެދުން ލާޒިމުވެގެން ވުމެވެ. މި ނިންމުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ޙުކުމް ކުރި ތާރީޚުގެ ފަހުން ހަދާ ޤާނޫނުތައް ހަމައެކަނި ދެބަހުން ހެދުމެއް ނޫނެވެ. ނަމަވެސް އޭގެ ކުރީގެ ހުރިހާ ޤާނޫނެއްވެސް ދެބަހުން އޮންނަން ވާނެކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅިއެވެ. އޮފިޝަލް ލޭންގްއޭޖް އެކްޓް 1890 ގައި ފާސްވި ފަހުން، ފާސްކޮށްފައިވާ ހުރިހާ ޤާނޫނެއް ހަދާފައިވަނީ ހަމައެކަނި އިނގިރޭސި ބަހުންނެވެ. އެންމެ ކުޑަމިނުން ފްރެންޗް ބަހުގެ ނުރަސްމީ ތަރުޖަމާއެއްވެސް އެއިން ޤާނޫނެއްގެ ހަދާފައެއް ނެތެވެ. ނަތީޖާއަކަށްވީ އެތައް ބައިވަރު ޤާނޫނެއް ތަރުޖަމާ ކުރަންޖެހި ބޮޑު ބުރައަކާ ކުރިމަތިލާން ޖެހުމެވެ. އަދި މަޑުމަޑުން ތަރުޖަމާ ކުރުމުގެ މަސައްކަތް ފެށިވެސްމެއެވެ. ސްޕްރީމް ކޯޓުގެ ނިންމެވުމަށް ފަހު ފަސް އަހަރު ފަހުން 1984 ގައިވެސް ބައެއް ޤާނޫނުތައް ހަމައެކަނި އިނގިރޭސި ބަހުން ފާސްކުރަމުން ދިޔައެވެ. އަދި 1979 ގެ ކުރީގެ ޤާނޫނުތައްވެސް ދެބަހުން ތައްޔާރުކޮށް ތަޞްދީޤެއް ނުކުރެއެވެ.
ޤާނޫނުތަކުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިގެން ދިއުން
ދެބަހުން ޤާނޫނުތައް އޮތުމުގެ މައްސަލަ އަލުން ފެންމަތިވެގެން ދިޔައީ ސައިކަލް ދުއްވާ ފަރާތެއް ކަމަށްވާ ބިލޮޑޯ (Bilodeau) ގެ މައްޗަށް ދަޢުވާ އުފުލުނު، ސްޕީޑް ލިމިޓަށް ވުރެ ބާރަށް ސައިކަލް ދުއްވުމުގެ ދަޢުވާއާ ގުޅިގެންނެވެ. އޭނާ ޚިލާފުވި ހައިވޭ ސްޕީޑް ލިމިޓާބެހޭ ޤާނޫނު ހަމައެކަނި އިނގިރޭސި ބަހުން އޮތުމުން އެޤާނޫނުގެ މައްޗަށް އޭނާ ކުށްވެރި ނުކުރެވޭނެކަމަށް ދިފާޢެއްގެ ގޮތުގައި އޭނާ ނެގިއެވެ. މޮނިޓޯބާގެ ދަށުމަރުޙަލާގެ ކޯޓުން އެ ދިފާޢު ބަލައިނުގަނެ އޭނާ ކުށްވެރިވާކަމަށް ކަނޑައެޅިއެވެ. ނަތީޖާއެއްގެ ގޮތުން ބިލޮޑޯ އެންމެފަހުން އޭނާގެ މައްސަލަ ކެނެޑާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުންވެސް ބާރު ސްޕީޑުގައި ބިލޮޑޯ ސައިކަލް ދުއްވުމުން ކުށްވެރިވާކަމަށް ދަށުމަރުހަލާގެ ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރިއެވެ. ނަމަވެސް އޭނާ ޤާނޫނީގޮތުން ފާހަގަ ކުރި ނުކުތާތައް ކޯޓުން ބަލައިގަތުން ވެގެން ދިޔައީ އޭނާއަށް ލިބިގެން ދިޔަ މުހިންމު ކާމިޔާބަކަށެވެ.
ބިލޮޑޯ ގެ މައްސަލަ ކެނެޑާގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު ކެނެޑާގެ ފެޑެރަލް ގަވަރންމެންޓް ގެ ކަންބޮޑު ވުމަކަށްވީ މި މައްސަލައަކީ ހަމައެކަނި ދެ ޤާނޫނަކަށް އިސްލާޙް ގެނެސްގެން ޙައްލެއް ހޯދޭނެ މައްސަލައަކަށް ނުވުމެވެ. ވުމާއެކު، ޕްރޮވިންސްގެ ހުރިހާ ޤާނޫނެއްގެ ޞައްޙަކަން ގެއްލިގެންދާތީ، ކެނެޑާގެ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް ފެޑެރަލް ސަރުކާރުން އެދުނެވެ. އަދި 1890 އިން ފެށިގެން ހަދާފައިވާ ޤާނޫނުތަކުގެ ތެރެއިން ހަމައެކަނި އިނގިރޭސިބަހުން ހުރުމާއެކު ޢަމަލު ނުކުރެވޭނެ ޤާނޫނުތަކަށް ކޯޓުގެ ތެރެއިން ފަރުވާއެއް ހޯދުމަށް ބޭނުންވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ޤާނޫނުއަސާސީއާ ޚިލާފަށް ހަދާފައިވާ ޤާނޫނުތައް ޞައްޙަ ނުވާނެކަމަށެވެ.
ޤާނޫނީ ހުސްކަމަށް ކޯޓުން ލިބިދިން ޙައްލު
1890 ވަނަ އަހަރުން ފެށިގެން ހަމައެކަނި އިނގިރޭސިބަހުން ހަދާފައިވާ ހުރިހާ ޤާނޫނަކީ ބާޠިލު ޤާނޫނުތަކެއް ކަމަށް ކަނޑައަޅާފައި ދޫކޮށްލައިފިނަމަ މުޅި ޕްރޮވިންސް ޤާނޫނީ ބޮޑު ހުސްކަމަކަށްދާތީ، އެކަމަށް ކޮންމެވެސް ފަރުވާއެއް ނުދީ ދޫކޮށްލުމަކީ ކޯޓަކުން ކުރާނެ ކަމެއްނޫނެވެ. ކެނެޑާގެ ޤާނޫނީ ނިޒާމު އޮންނަ ގޮތުން ކޮންމެ ޕްރޮވިންސަކީވެސް އެ ޕްރޮވިންސްގެ ދާޚިލީ ކަންކަން އަމިއްލައަށް ހިންގުމަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހެދުމުގެ ބާރު ލިބިފައިވާ ޕްރޮވިންސް ތަކެކެވެ. ނަތީޖާއެއްގެގޮތުން ޕްރޮވިންސްތަކުގައި، ކޮންޓްރެކްޓާއި، ޓޯޓާއި، ބިމާއި، ގޯތީގެދޮރާއި، ވިޔަފާރިއާއި، މަސައްކަތް ތެރިކަމާއި، ވާރުތަކުރުމާބެހޭ ކަންކަމާއި، ސިނާޢީ ކަންކަމާއި، މުދަލާއި ޚިދުމަތް ލިބިގަނެ ބޭނުންކުރާ މީހުންގެ ކަންކަމާބެހޭ ހުރިހާ ޤާނޫނުތައް ހެދުމަކީ ޕްރޮވިންސްތަކަށް ދޫކޮށްލާފައިވާ ބާރެކެވެ. ކޯޓުގެ ނިންމުމުގެ ނަތީޖާއަކަށްވާނީ ދެންނެވުނު ހުރިހާ ދާއިރާތަކުން ހަދާފައިވާ ޤާނޫނުތައް ބާޠިލުވެ ޤާނޫނީ ބޮޑު ހުސްކަމެއްގެ ތެރެއަށް މުޅި ޕްރޮވިންސް ވެއްޓުމެވެ. މީގެ އިތުރުން މެނިޓޯބާގެ ކޯޓުތަކުގެ ޒިންމާތަކާއި ބާރުތަކާއި، މުނިސިޕަލް ޚިދުމަތްތަކާއި، ސްކޫލް ބޯޑުތައް އެކުލަވާލުމާއި، މި ހުރިހާކަމެއް ހިނގަނީ ހަމައެކަނި އިނގިރޭސި ބަހުން ހަދާފައިވާ ޤާނޫނުތަކެއްގެ ތެރެއިން ކަމަށްވާތީ 1890 އިން ފެށިގެން ހުރި، ހުރިހާ ޤާނޫނުތަކުގެ ޞައްޙަކަން ގެއްލުމުން ޤާނޫނީ ބޮޑު ހުސްކަމަށް ޕްރޮވިންސް ވަނީ ވެއްޓިފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ޞައްހަކަންވެސް ވަނީ ގެއްލިފައެވެ. ޤާނޫނުހަދާ މަޖިލީހަކީ ޤާނޫނުއަސާސީން އުފެދިފައިވާ ތަނަކަށްވިޔަސް 1890 ވަނަ އަހަރު ހަމައެކަނި އިނގިރޭސި ބަހުން ފާސްކޮށްފައިވާ އެތައް ޤާނޫނަކުން ޕާލަމެންޓު އެކުލެވިފައިވާ ގޮތަށް ބަދަލުތައް ގެނެސްފައިވެއެވެ. މި ބަދަލުތަކުގެ ތެރޭގައި 24 މެމްބަރުން ގެ ޕާލިމެންޓް 57 މެމްބަރުންނަށް ބަދަލުކޮށްފައި ވުމާއި، އަންހެނުންނަށް ލިބިފައިވާ ވޯޓުލުމުގެ ޙައްޤާއި، ޕާލަމެންޓަށް ކުރިމަތި ލުމުގެ ޙައްޤާއި، 18 އަހަރުން 20 އަހަރަށް ވޯޓުލާ އުމުރު ކަނޑައެޅި ޤާނޫނު ފަދަ ގިނަ ޤާނޫނުތައް، ބާޠިލުވާ ޤާނޫނުތަކުގެ ތެރޭގައި ހިމެނުނެވެ. ޤާނޫނުހަދާ މަޖިލީހުގެ ޞައްޙަކަން ގެއްލިފައިވުމުން ކަންކަން އިޞްލާޙް ކުރުމަށް އިތުރު ޤާނޫނެއް ހަދާކަށް ޤާނޫނު ހަދާ މަޖްލީހެއް ވުޖޫދަކު ނެތެވެ. ވުމާއެކު މާޒީގައި ހަދާފައިވާ ހުރިހާ ޤާނޫނެއް އަލުން ދެބަހުން ހަދާ ފާސްކުރެވޭނެ ގޮތެއް ނެތެވެ.
މި ޙާލަތުން މެނިޓޯބާ އަރައިގަތުމުގައި ބޭނުންކުރެވިދާނެ ބައެއް އުސޫލުތައް ކޮމަންލޯގައި ހުރެއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއް އުސޫލަކީ "ޑިފެކްޓޯ ޑޮކްޓްރިން" އެވެ. ނަމަވެސް "ޑިފެކްޓޯ ޑޮކްޓްރިން" ބޭނުންކުރެވޭ ޙާލަތަކީ ދައުލަތުގެ މުވައްޒަފަކަށް އޭނާގެ ވާޖިބު އަދާކުރުމުގައި ކަނޑައެޅިފައިވާ އުސޫލުގެ ބޭރުން ކަމެއްކުރުމަށް ހުއްދަ ކުރެވޭ ޚާއްޞަ ޙާލަތެކެވެ. ދެވަނަ އުސޫލަކީ "ރެސް ޖުޑިކާޓާ ޑޮކްޓްރިން" އެވެ. މި އުސޫލުގެ ދަށުން ކޯޓުން ނިންމާފައިވާ ނިންމުން އަލުން ހުޅުވާލުން މަނާކުރެއެވެ. ތިންވަނަ އުސޫލަކީ "މިސްޓޭކް އޮފް ލޯ ޑޮކްޓްރިން" އެވެ. މި އުސޫލުގެ ދަށުން ޓެކްސްގެ ގޮތުގައި ދައްކާފައިވާ ފައިސާ ޤާނޫނުގެ ސައްޙަކަން ގެއްލުނު ނަމަވެސް ފައިސާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅައިދެއެވެ. ދެންނެވުނު ތިން ޑޮކްޓްރިން ގެ އެހީގައިވެސް މެނިޓޯބާގައި ކުރިމަތިވެފައިވާ ޤާނޫނީ ބޮޑު މައްސަލައަށް އެކަށީގެންވާ ޙައްލެއް ނުލިބެއެވެ. އެ އުސޫލުތަކުން ހަމައެކަނި ޙައްލު ލިބޭނީ ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ނުލިބުމާއި، ކޯޓުގެ ނިންމުންތައް އަލުން ހުޅުވާ ނުލުމާއި، ދައުލަތުގެ މުވައްޒަފުންގެ ވާޖިބު އަދާކުރުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށެވެ.
ކެނެޑާގެ ސްޕްރީމް ކޯޓުން މެނިޓޯބާއަށް ލިބިދިން ޙައްލު
ކެނެޑާގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައިވާ ފުރަތަމަ މައްސަލައަކީ މެނިޓޯބާގެ ޤާނޫނުއަސާސީއިން ފްރެންޗް ބަހުން ވާހަކަ ދައްކާ މައިނޯރިޓީ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް، ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލު ކުރުމުގެ މައްސަލައެވެ. ދެވަނަ ކަމަކީ އެތައް ޤާނޫނެއްގެ ޞައްޙަކަން ގެއްލި މުޅި ޕްރޮވިންސް ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ވެއްޓިގެންދާ މައްސަލައެވެ. މި ކަންކަމަށް އޮތް އެއް ޙައްލަކީ އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ޤާނޫނުތައް ފްރެންޗް ބަހަށް ތަރުޖަމާކޮށް، ތަސްދީޤުކޮށް، ޕްރިންޓްކޮށް، ޝާއިޢު ކުރުމެވެ. ލިބެން ހުރި ވަޞީލަތްތަކަށް ބަލާއިރު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ އެކަމާމެދުވެސް ކޯޓުގައި ބަހުސް ކުރެވުނެވެ. ޝަރީޢަތުގެ ފަރާތުން މައްސަލައަށް ޙައްލެއް ހޯދުމަށް ކުރެވުނު މަޝްވަރާގައި 04 ނޮވެމްބަރ 1985 ގައި މި ކަމުގައި ޝާމިލުވާ ހުރިހާ ޕާޓީތަކުގެ ރުހުމާއެކު ނިންމާފައި ވަނީ 31 ޑިސެމްބަރ 1988 ގެ ނިޔަލަށް، މެނިޓޯބާގެ ޤާނޫނުތަކާއި ގަވާއިދުތަކާއި ކޯޓުތަކުގެ ނިންމުންތައް ޖަމާކޮށް، ތަރުޖަމާކޮށް، ތަސްދީޤުކުރުމަށާއި، 31 ޑިސެމްބަރ 1990 ގެ ނިޔަލަށް އެހެނިހެން ޤާނޫނީ ކަންކަން ވެސް ހިމެނޭ ގޮތުން ތަރުޖަމާކޮށް، ތަޞްދީޤު ކޮށް ޝާއިޢު ކުރުމެވެ. މި ނިންމުމުގެ ނަތީޖާއަކީ (ހ) މުހިންމު ހުރިހާ ޤާނޫނުތައް 03 އަހަރު ދުވަހުގެ ތެރޭގައި ތަރުޖަމާކޮށް ތަޞްދީޤުކޮށް ޝާއިޢު ކުރުމާއި، (ށ) މުހިންމު ނޫން ޤާނޫނުތަކުގެ ތެރޭގައި ހިމެނޭ ދޭދޭ ފަރުދުންގެ މެދުގައި ހިންގާ މުޢާމަލާތްތަކާގުޅޭ ޤާނޫނުތަކާއި، ޢާއްމު ޤާނޫނުތައް 05 އަހަރު ދުވަހުގެ ތެރޭގައި ތަރުޖަމާކޮށް ތަޞްދީޤުކޮށް ޝާއިޢު ކުރުމަށް މުހުލަތެއް ދިނުމެވެ. ސުޕްރީމް ކޯޓުގެ މި ނިންމެވުމުގެ ނަތީޖާއަކީ މެނިޓޯބާގެ ޤާނޫނުއަސާސީ އާ ޚިލާފަށް ހަދާފައިވާ ޞައްޙަ ނޫން ޤާނޫނު ތަކަކަށް 07 އަހަރުގެ މުއްދަތަށް މެނިޓޯބާގެ ރައްޔިތުން ޢަމަލު ކުރަންޖެހުމެވެ.
ސުޕްރީމް ކޯޓުގެ ނިންމެވުމުގެ ޤާނޫނީ ހައިސިއްޔަތު
ޤާނޫނާ ޚިލާފަށް ހުރި ޤާނޫނުތަކަކަށް ދިގު މުއްދަތަކަށް ޢަމަލު ކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާނަމަ އެ ނިންމުމަށް ޤާނޫނީ ހައިސިއްޔަތެއް ލިބެނީ ކިހިނެތްތޯ އުފެދޭ ސުވާލަށް ޖަވާބެއް ބޭނުންވެއެވެ. މެނިޓޯބާއަށް ކުރިމަތިވެގެން ދާ ޤާނޫނީ ހުސްކަން ފޫބެއްދުމަށް ވަގުތީ ޙައްލެއް ދިނުމަކީ ރޫލް އޮފް ލޯ ނުވަތަ ޤާނޫނުގެ ޙުކުމް ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއްކަމުގައި ކެނެޑާގެ ސުޕްރީމް ކޯޓުން ދެކުނެވެ. މިގޮތުން ރޫލް އޮފް ލޯ ދެމެހެއްޓުމުގައި މައިގަނޑު 2 ކަމަކަށް ބަލަން ޖެހެއެވެ. ފުރަތަމަ ކަމަކީ ދައުލަތުގެ މުވައްޒަފުންނާއި ޢާއްމު ފަރުދުންނަށްވުރެ ޤާނޫނުގެ ޙުކުމް މަތިވެރިވާން ޖެހޭކަމަށް ބަލަން ޖެހުމެވެ. މި އަސާސްގެ މަތީގައި ފާހަގަ ކުރާ އެންމެ މުހިންމުކަމަކީ ޤާނޫނުއަސާސީގެ ސިޔާދަތީ ބާރުވެރިކަން ދެމެހެއްޓުމާއެކު އާބިޓްރަރީކޮށް ޤާނޫނީ އުސޫލުން ބޭރުން އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާއެއް ލިބިގަތުމުގެ ފުރުސަތު ނުދިނުމެވެ. ރޫލް އޮފް ލޯ ހިންގުމުގެ ދެވަނަ ކަމަކީ ކުރިން ބަޔާންކުރި އަސާސަށް ވުރެވެސް މުހިންމު ކަމެކެވެ. އެއީ، މުޖްތަމަޢުގެ ކަންކަން ތަންޒީމުކުރަންވާނީ ޤާނޫނީ ނިޒާމެއްގެ ތެރެއިން ކަމުގައި ވުމެވެ. ތަހުޒީބު މުޖްތަމަޢެއް ދެމި އޮތުމުގެ އެންމެ އަސާސީ ރުކުނަކީ އެ ޤައުމެއްގައި ލޯ އެންޑް އޯޑަރ ދެމި އޮތުން ކަމުގައިވުމެވެ.
މެނިޓޯބާއަށް ކުރިމަތިވި ޙާލަތަށް ބަލާއިރު ދެންނެވުނު ދެ ޙާލަތު އެކަތި އަނެއްޗާ ފުށުއަރައެވެ. އެހެނީ ޤާނޫނުއަސާސީ ގެ ސިޔާދަތީ ބާރުވެރިކަން ދަމަހައްޓާ ޤާނޫނުއަސާސީ އެގޮތުގައި ތަންފީޒު ކުރާނަމަ ޕްރޮވިންސްގެ އެތައް ޤާނޫނެއްގެ ޤާނޫނީ ހައިސިއްޔަތު ނެތުމުން ޕްރޮވިންސްގެ ލޯ އެންޑް އޯޑަރ ގެއްލި ދާތީއެވެ. ކޯޓުގެ ނިންމުމުގެ އެއް އަސާސަކީ ޑިފެކްޓޯ ލީގަލް ސިސްޓަމެއްގެ ތެރެއިން ޤައުމުގެ މުއައްސަސާތަކާ ހިންގުމުގެ ނިޒާމަށް ވަގުތީ ދިރުމެއް ޤާނޫނީގޮތުން ގެނެސް ދިނުމެވެ. މިގޮތުން ޤާނޫނުއަސާސީ އަކީ ރޫލް އޮފް ލޯ ދެމެހެއްޓުމުގެ އަސާސްގެ މަތީގައި އެކުލަވާލެވޭ އެއްޗަކަށްވުމާއި އަދި ޤާނޫނުއަސާސީގެ މުޤައްދިމާގައި އެކަން ބަޔާންކޮށްފައިވާތީ ރޫލް އޮފް ލޯ ނެގެހެއްޓުމަކީ އެންމެ މުހިންމު އަސާސެވެ. ކެނެޑާގެ ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ޑޮކްޓްރިން އޮފް ނެސެސިޓީ ނުވަތަ ޙާލަތުއް ޟަރޫރާގެ މައްޗަށް ބުރަވެ ޤާނޫނީ އިމުގެ ބޭރުން ކަންކަން ހުއްދަކޮށް ގަތުމަށް އިސްވެއެއް ނުގަތެވެ. ނަމަވެސް ކޯޓުގެ ނިންމުމުގެ އަސާސަކީ ރޫލް އޮފް ލޯ ނެގެހެއްޓުމަށް ޤާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަންކަން ކުރުމެވެ. ޙާލަތުއް ޟަރޫރާގެ ދަށުން ޤާނޫނުއަސާސީއާއި ޤާނޫނުތައް ދޫކޮށްލުމެއް ނޫނެވެ.
ބިލޮޑޯ ކޭސްގެ ނިންމުން
ސުޕްރީމް ކޯޓުން ބިލޮޑޯ ގެ މައްސަލައިގައި ދަށުކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދު ކުރިއެވެ. ނަމަވެސް މޮޓޯސައިކަލް ސްޕީޑު ލިމިޓަށް ވުރެ ބާރަށް ދުއްވުން މަނާކުރާ ޤާނޫނު، ހަމައެކަނި އިނގިރޭސިބަހުން އޮތުމުން އެ ޤާނޫނުގެ ސައްޙަކަން ގެއްލިފައިވާކަން ސާބިތުކޮށް ދިނުމަށް އޭނާ ކުރި މަސައްކަތް އޭނާއަށް ކާމިޔާބުވިއެވެ. އޭނާ ކުށްވެރިވީ އެ ޤާނޫނު ޞައްޙަ ޤާނޫނެއްގެ ގޮތުގައި ވުޖޫދުގައި އޮތް ވަގުތެއްގައެވެ. ސުޕްރީމްކޯޓުން ޤާނޫނުތައް ޤާނޫނުއަސާސީން ކަނޑައަޅާފައިވާ އިމުގެ ތެރެއަށް ފެއްތުމަށް މުހުލަތެއް ދިނުމުންނެވެ. އެހެނީ ޕާލިމެންޓުން ފާސްކުރާ ޤާނޫނެއްގެ ޞައްޙަކަން ގެއްލިދަނީ އެ ޤާނޫނެއް ޞައްޙަ ނޫންކަމަށް ކަނޑައެޅުމާއެކު އަދި އެ ޤާނޫނަށް ޢަމަލު ކުރަން ނުޖެހޭނެ ޙާލަތެއް އައުމުން ކަމަށްވާތީއެވެ.
ނޯޓް: މި އާޓިކަލްއަށް މަޢުލޫމާތު ނަގާފައިވަނީ "މޮނާޝް ޔުނިވަރސިޓީ ލޯރިވިއު"
(Monash University Law Review [VOL. 15, NOS. 3 AND 4 '89 ) އިންނެވެ.