މިއީ 18 ޖޫން 2019 އާއި 17 ޖުލައި 2019 ގައި ވީ މީޑީއާ އޮންލައިން އެޑިޝަންގައި އަލްއުސްތާޛް ޢަބްދުﷲ ރަޝީދު ޝާއިޢުކުރި އާޓިކަލްއެކެވެ.
މިދުވަސްވަރު އެންމެ ހޫނު މަޢުޟޫޢަކީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ބޮޑު ބަދަލުގެ ވާހަކައެވެ. ދީބާޖާއަށް އެކަންޏެއްވެސް ނޫނެވެ. ދައުލަތުން ނުވަތަ ރައްޔިތުންގެ ފައިސާއިން އަމިއްލަ އެތައް ފަރާތްތަކަކަށް ބޮޑެތި ބަދަލުތައް ދިނުމަށް ކޯޓުތަކުން އެދަނީ ޙުކުމްތައް ކުރަމުންނެވެ. ކޯޓުތަކުގެ ނިންމުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް ހުރެދާނެކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މިގޮތުން ދަޢުވާތަކަށް އެއްބަސްވެ ކޯޓުން ބޭރުން ބަދަލުދީގެން މައްސަލަތައް ހައްލު ކުރުމަށް ދައުލަތުން ބޭނުންވުމަކީވެސް އޭގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރެދާނެ ކަމެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދީ އެކިއެކި ޒިންމާތަކާ މަތިކޮށްފައިވާ ފަރާތްތަކުގެ ދޯހަޅި ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ނުއުފުލޭވަރުގެ ބޮޑެތި ބުރަތައް ޖެއްސުމަކީ ގިނަބަޔަކަށް ބަލައިގަންނަން ފަސޭހަ ކަންކަމަކަށް ނުވެއެވެ.
ފުލުހުންނާއި ސިފައިންގެ އިސްވަޒީފާތަކުގައި ތިއްބާ ވަކިކުރި ފަރާތްތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ވަޒީފާއިން ވަކިކުރި ފަރާތްތަކަށާއި، އަދި މިނޫނަސް އެތައް ބަޔަކަށް ދައުލަތުން ވަނީ އެތައް މިލިއަން ރުފިޔާއެއްގެ ބަދަލުތައްދީ ކޯޓުން ބޭރުން މައްސަލަތައް ޙައްލުކޮށްފައެވެ. އެފަދަ ބަދަލުތައް ދިނުމަށް މެދުވެރިކުރުވި ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ ޤާނޫނީ އޮނިގަނޑެއް އޮތްކަމަށްވިޔަސް އަދި އެކަމުގައި ފިޔަވަޅެއް އެޅޭތަން ރައްޔިތުންނަކަށް ނުފެނެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ވެރިކަން ފެށުމާއެކު ދައުލަތުން ބަދަލުދިނުމުގެ ސިލްސިލާއެއް ވަނީ ފެށިފައެވެ. ޝަރްޢީ ކޯޓުތަކުގެ ނިންމުންތަކާ ގުޅިގެންނެވެ. ދައުލަތުން ބޮޑެތި ބަދަލުތައް ދިނުމަށް ނިންމި މައްސަލަތަކުގެ ތެރޭގައި ސީޖީޓީ ކުންފުނިން ކަސްޓަމްސް ޑިއުޓީއަށް ދެއްކި 22 މިލިއަން ރުފިޔާ، އަނބުރާ ދޭންޖެހުނު މައްސަލައަކީވެސް މިގޮތުން ފާހަގަ ކޮށްލެވޭ މައްސަލައެކެވެ. ޑިއުޓީ ބޮޑުވި ފަހުން މުދާ ކްލިއަރ ކުރީތީ ދައްކަންޖެހުނު ކަމަށްބުނާ އެ ފައިސާ އަނބުރާ ސީޖީޓީ ކުންފުންޏަށް ދައްކަން ނުޖެހޭނެކަމަށްބުނެ ދައުލަތުން ވަކާލާތު ކުރަމުންގޮސް ދައުލަތުގެ އެ ސްޓޭންޑު ބަދަލުވީ ވެރިކަން ބަދަލުވުމާ ހަމައިން ކަމަށް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ބުނެ ދައުލަތުން ވީ އިޢުތިރާފަށްޓަކައި ސިވިލް ކޯޓުން ވަނީ އެފައިސާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ.
ދައުލަތުގެ ކަންކަން ހަވާލުވެތިބި ފަރާތްތަކުގެ އިހުމާލުން ނުވަތަ އެހެން ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަންކަމުގެ ސަބަބުން ދައުލަތަށް އުފުލަންޖެހޭ ބުރަ އާއި ތަކުލީފުތަކުގެ ސިލްސިލާއަށް އަނެއްކާވެސް ބޮޅެއް އިތުރުވެގެން ދިޔައީ 17 އޭޕްރީލް 2019 ގައެވެ. އެއީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ގެ ބަދަލެއް ދިނުމަށް ސިވިލްކޯޓުން ކުރިން ކޮށްފައިވާ ޙުކުމަކަށް ތާއީދުކޮށް، ދައުލަތުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރުމުންނެވެ. މި މައްސަލަވެސް ކޯޓުން ބޭރުން ޙައްލުކުރުމަށް ބަންޑާރަނާއިބުގެ ފަރާތްޕުޅުން އެދިފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ޢާންމުވިއެވެ. ރައްޔިތުން ދައްކަމުންދާ ޓެކްސް ފައިސާއިން މިވަރުގެ ބޮޑު ބަދަލެއް ދޭންޖެހުން ގިނަ ބަޔަކަށް ހައިރާންކަމާ ނުތަނަވަސްކަން ގެނުވިއެވެ. ދީބާޖާ އިންވެސްޓްމަންޓަށް އެވަރުގެ ބަދަލެއް ދޭންޖެހުނު ސަބަބާމެދު ޢިލްމީ ނަޒަރަކުން ބަލާލާނަމެވެ. މިއީ، ޝަރްޢީ ހުރިހާ މަރްހަލާތަކަކުން ނިމިފައިވާ މައްސަލައަކަށްވާތީ މިފަދަ ދިރާސާއެއް ކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
ދިބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން (ދިވެހި ދައުލަތް) ގެ މައްޗަށް ދަޢުވާކުރުމުން ސިވިލް ކޯޓުގައި ބެލެވުނު އެކޯޓުގެ ނަންބަރު 1528/Cv-C/2013 ޤަޟިއްޔާއަކީ މި މައުޟޫޢުގައި ބެލެވުނު ފުރަތަމަ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ދީބާޖާއާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުން ބާޠިލުކުރި ކުރުން ޤާނޫނާ ޚިލާފުކަމަށާއި، ވުމާއެކު އެއްބަސްވުން ދެމެހެއްޓުމަށް އަމުރު ކޮށްދިނުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މި ދަޢުވާ ސިވިލްކޯޓަށް ހުށަހެޅި ފަރާތްކަމަށްވާ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، 13 ފެބްރުއަރީ 2014 ވަނަ ދުވަހުގެ 9:30 އަށް ސިވިލް ކޯޓަށް ހާޒިރުވުމުގެ އަމުރު 29 ޖެނުއަރީ 2014 ދުވަހު ރައްދުވެ، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ، 13 ފެބްރުއަރީ 2014 ވަނަ ދުވަހު އެ މައްސަލަ ވަނީ ސިވިލް ކޯޓުން ބާޠިލުކޮށް ބޭރުކޮށްލާފައެވެ. އެ މައްސަލަ ބަލަމުން ދިޔައީ ސިވިލް ކޯޓުގެ B-CR-7 ސެކްޝަނުން، އޭރު ސިވިލް ކޯޓުގެ ޤާޟީއަކަށް ހުންނެވި ޢާއިޝާ ޝުޖޫން މުޙައްމަދު ކަމަށް ސިވިލްކޯޓުގެ ވެބްސައިޓުގައިވާ އެ މައްސަލައިގެ ޙުކުމުން އެނގެއެވެ. 13 ފެބްރުއަރީ 2014 ގައި ސިވިލް ކޯޓުން ބޭރުކޮށްލި މައްސަލަ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަލުން ސިވިލްކޯޓަށް ހުށަހެޅީ 2.4 ބިލިއަން ރުފިޔާ ގެ ބަދަލު ހޯދުމުގެ ބޮޑުމައްސަލައެއްގެ ގޮތުގައި 21 މެއި 2014 ގައެވެ. އެ މައްސަލަ 23 އޮކްޓޯބަރ 2014 ގައި ވަނީ 348 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ޙުކުމްކޮށްފައެވެ.
ބައެއް މައްސަލަތައް ކޯޓުގައި ކުރިއަށްދާއިރު ކޯޓަށް ހާޒިރު ނުވުން ފަދަ ސަބަބެއް މެދުވެރިވެގެން ބާޠިލު ކުރުމުން ދެން އެ މައްސަލަ ބެލުން ތަރުތީބުން އެހެން ޤާޟީންނަށް ހަވާލުވެއެވެ. ސިވިލްކޯޓުން ދީބާޖާގެ މައްސަލައަށް ދިމާވީ ވެސް އެހެންނެވެ. ފަހުން މައްސަލަ ބައްލަވާފައިވަނީ އެހެން ޤާޟީއެކެވެ.
ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން (ދިވެހި ދައުލަތް) ގެ މައްޗަށް 2.4 (ދޭއް ޕޮއިންޓް ހަތަރެއް) ބިލިއަން ރުފިޔާ ހޯދުމަށް 21 މެއި 2014 ގައި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ބެލި މައްސަލައިގައި 348 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ދީބާޖާއަށް، 23 އޮކްޓޯބަރ 2014 އިން ފެށިގެން މީލާދީ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ ޙުކުމްކޮށްފައެވެ.
ސިވިލްކޯޓުގައި ދައުލަތަށް މައްސަލަ ނާކާމިޔާބުވުން.
އުތުރު ޕްރޮވިންސަށް ދަތުރު ފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 01 ފެބްރުއަރީ 2010 ގައި ޓްރާންސްޕޯޓް ސާވިސް އެއްބަސްވުމެއްގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާދެމެދު ސޮއިކޮށް ޞައްޙަ އެއްބަސްވުމެއް ޤާއިމްކޮށްފައިވާކަމާއި މި އެއްބަސްވުމުގެ މަޤްޞަދަކީ ޢާންމު ރައްޔިތުންނަށް ކުޑައަގެއްގައި ދަތުރު ފަތުރުގެ ޚިދުމަތް ދިނުންކަމާއި އެ ޚިދުމަތްދޭއިރު މާލީގޮތުން ލިބިދާނެ ގެއްލުން ފޫބެއްދުމުގެ ގޮތުން "ކްރޮސް ސަބްސިޑީ" ގެ ގޮތުގައި ދީބާޖާ އަށް ނ،ރ،ބ އަދި ޅ އަތޮޅުގެ ކޮންމެ ރަށަކުން ފެރީޓާމިނަލެއް އެޅުމަށް ބިމެއް ދިނުމަށް އެއްބަސްވުމުގައި ވާކަމަށް ސިވިލް ކޯޓުގެ ޙުކުމްގައި ވެއެވެ. ފެރީޓާމިނަލް ތަރައްޤީ ކުރުމަށް ދޫކުރާ ކޮންމެ ބިމެއްގައިވެސް އެންމެ ކުޑަ ޓެކްސް ސްކީމެއްގެ ދަށުން ހޮޓާ ނުވަތަ ގެސްޓްހައުސް ފަދަ ސިނާއީ މަސައްކަތެއް ކުރުމުގެ ހުއްދަ ދޫކުރުމާއި، ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމަށް 15 ހެކްޓަރުގެ ބިން ދިނުމަށްވެސް އެ އެއްބަސްވުމުގައި ވާކަމަށް ސިވިލް ކޯޓުގެ ޙުކުމްގައި ވެއެވެ. ދިވެހި ސަރުކާރާއި ދީބާޖާއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ 30 މެއި 2013 ވަނަ ދުވަހު އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) އާ ހަވާލާދީ ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ސިވިލްކޯޓުންވަނީ ޙުކުމް ކޮށްފައެވެ. އަމިއްލަ އަށް އެއްބަސްވުން ބާޠިލުކުރުމަކީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށާއި އެކަމުގައި ސަބަބުން 156.3 މިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމަށް 30 މެއި 2013 ގައި ދީބާޖާއިން ދައުލަތަށް ލިއުމުން އަންގާފައިވުމާއި، އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގެ ދަށުން އެއްބަސްވުން ބާޠިލު ކުރެވޭނީ އަމިއްލަ ބާރު ނުފޯރާކަމެއް މެދުވެރިވުން ފިޔަވައި ދަތުރު ފަތުރުގެ ޚިދުމަތް ނުދެވި 5 (ފަހެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެއްޖެ ހިނދެއްގައި ކަމާއި، އެފަދަ ހާލަތެއްގައި ލިއުމުން ނޯޓިސް ފޮނުވުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެން ވިޔަސް އެކަން ކުރެވޭނީ އެއްބަސްވުން ބާޠިލުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ދައުލަތުންވެސް ފުރިހަމަކޮށްފައި ކަމަށް އެއްބަސްވުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ސިވިލްކޯޓުގެ ޙުކުމްގައި ވެއެވެ. 29 މެއި 2013 ވަނަ ދުވަހު ބ.ފުޅަދޫ އާއި ފެހެންދޫ އާ ދެމެދު ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީ ވީއެންމެ އަވަހަކަށް އެދެރަށަށް ފެރީގެ ޚިދުމަތް ފެށުމަށް އެންގުމަށް ފަހު 30 މެއި 2013 ގައި އެއްބަސްވުން ބާޠިލު ކުރީކަމަށް ސިވިލް ކޯޓުގެ ޙުކުމްގައިވެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ނ،ރ،ބ އަދި ޅ އަތޮޅުގެ ރަށްތަކަށް ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް ދިވެހިސަރުކާރުން ޤާއިމްކުރި އެއްބަސްވުމާ އެއްގޮތަށް ދީބާޖާ އިންވެސްޓްމަންޓަށް ޚިދުމަތް ނުދެވުނީ ހަމައެކަނި ބ.ފުޅަދޫ އާއި ފެންހެންދޫ އާ ދެމެދުގައި އެކަނިބާވައެވެ. އެއީ، އެއްފަޅެއްގައި ގޮވާލީމާ އަޑުއިވޭހާވެސް ކާރި ހިސާބެއްގައި އޮތް ދެރަށްކަމަށްވާއިރު ހަތަރު އަތޮޅުގެ އެތެރޭގައާއި އަދި އެ އަތޮޅުތަކާ މާލެއާ ދެމެދުވެސް ދަތުރުފަތުރުގެ ޚިދުމަތް ދީބާޖާއިން ދިޔައީ ފޯރުކޮށްދެމުން ބާވައެވެ. ސިވިލްކޯޓުގައި ދައުލަތުން އެކަމުގައި ބުނެފައިވާ އެއްޗެއް ކޯޓުން މައްސަލާގައި ކޮށްފައިވާ ޙުކުމަށް ބެލުމުން ސާފެއް ނުވެއެވެ. އަދި އެތައް މިލިއަން ރުފިޔާއެއްގެ އަގު ބޮޑު އިންވެސްޓްމަންޓް ހިމެނޭ އެއްބަސްވުން އުވާލާނެ ކަމުގެ ނޯޓިސް ފުޅަދޫ އާއި ފެހެންދޫ އާ ދެމެދު ދެތިން ދުވަހަކަށް ދަތުރު ފަތުރުގެ ޚިދުމަތް ނުދެވުނު ކަމަށްބުނެ އުވާލުމުގެ ފަހަތުގައިވަނީ ކޮންކަމެއްބާވައެވެ. އަދި އެއްބަސްވުމާ އެއްގޮތަށް 05 ދުވަހުގެ ނޯޓިސް ދޭންޖެހޭއިރު ނޯޓިސް ފޮނުވި ދުވަސް ނޫން އަނެއް ދުވަހު "5 ދުވަސް ހަމަނުކޮށް" އެއްބަސްވުން ބާޠިލުކުރުމަށް ދިވެހިސަރުކާރަށް އޮތީ ކޮން މަޖުބޫރެއްތޯ ސުވާލު އުފެދެއެވެ. މިއީ، ސިވިލް ކޯޓުގެ ޙުކުމުން ފާހަގަ ކުރެވޭ ކަންކަމެވެ.
ކޯޓުގެ ޙުކުމްގައި ދެން ބަޔާންކޮށްފައިވަނީ 05 ދުވަސް ނުވަނިސް އެއްބަސްވުން ބާޠިލު ކުރަން ނޯޓިސް ފޮނުވުމުގެ އިތުރުން، ދައުލަތުން އެ ކުންފުންޏާ ހަވާލުކުރަން ޖެހޭ 47 ބިމުގެ ތެރެއިން 30 ޖޫން 2010 ގައި 17 ބިން އަދި 18 ޖެނުއަރީ 2011 ގައި 09 ބިމެއް ހަވާލުކޮށްފައިވާކަމަށް ދައުލަތުން ބުނި ނަމަވެސް އެ 26 ބިމުގެ އެއްވެސް ރެޖިސްޓްރީއެއް ހަވާލުކޮށްފައި ނުވާކަމަށް ދީބާޖާއިން ބުނުމާއި ދައުލަތުން ބިންތައް ހަވާލު ކުރި ކަމަށް ބެލެވޭނީ އެ ބިންތަކުގެ ރެޖިސްޓްރީ ހަވާލުކުރުން ނުވަތަ ބިމާބެހޭ ޤާނޫނާ އެއްގޮތަށް އެބިންތަކުގެ މަންފާ ލިބިގަތުމުގެ ފުރުސަތު ލިއުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން ލިބިގެން ދިއުމުން ކަމާއި، ނަމަވެސް ބިންތައް އެގޮތުގެމަތިން ހަވާލުކޮށްފައި ނުވާކަމާއި، އެކަމުގެ ސަބަބުން ދީބާޖާއަށް އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މަންފާ ހާސިލު ކުރުމަށް ހުރަސް އެޅިފައިވާކަމަށާއި ބިންތައް ހަވާލުކުރުމުގެ އިލްތިޒާމު ފުރިހަމަ ނުކުރެވުމަކީ ދައުލަތުން އެއްބަސްވުމާ ޚިލާފުވުން ކަމަށް ސިވިލްކޯޓުގެ ޙުކުމްގައިވެއެވެ.
އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން "ލިބޭ ގެއްލުމުގެ ބަދަލު" އެފަރާތަކުން ދޭންޖެހޭނެކަމަށް ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައި ވުމާއެކު، އެއްބަސްވުން އުވާލުމާއި އެކަމުގެ ސަބަބުން "ލިބުނު ގެއްލުމުގެ" ޒިންމާ ދައުލަތުން އުފުލަންޖެހޭނެކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ ކަނޑައަޅާފައެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އިން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން "ސީދާ ލިބުނު ގެއްލުމުގެ" ބަދަލު ނަގައިދެވޭނެކަމަށް ބަޔާންކޮށްފައިވާ އިރު އެމާއްދާގެ (ށ) ގެ ދަށުން "ޚިލާފުވުމުގެ ޢަމަލުގެ ސަބަބުން ލިބިދާނެ ގެއްލުމުގެ ބަދަލު" ނަގައި ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. "ލިބުނު ނުވަތަ ލިބިދާނެ ގެއްލުމާއި" ނުވަތަ "ނުލިބުނު މަންފާ" އަކީ އެއްމިންގަޑަކުން ކިރޭނެ ދެކަންތައްތޯ ވިސްނާލަން ޖެހެއެވެ.
ދެން އޮތީ ދީބާޖާއަށް ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތަށް އެފަރާތަށް "ލިބުނު ގެއްލުމުގެ ބަދަލު" ދިނުމެވެ. ދީބާޖާއިން އިޙްތިރާމުކޮށް ޢަމަލުކުރަމުން ދިޔަ އެއްބަސްވުމެއް ދައުލަތުން ބާޠިލު ކުރީތީއެވެ. ނަމަވެސް ދީބާޖާއަށް ޙަޤީޤަތުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް ސިވިލް ކޯޓުގެ ޙުކުމަކުން ތަފްސީލުކޮށް ފެންނާކަށް ނެތެވެ. ނަމަވެސް ޤަބޫލުކުރެވެނީ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް އެތައް މިލިއަން ރުފިޔާއެއްގެ އުޅަނދު ބަނދެ އެތައް މިލިއަން ރުފިޔާއެއްގެ ލޯނު ނަގައި ފުރިހަމަ ޚިދުމަތެއް ދިނުމަށް ދީބާޖާއިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާނެކަމަށެވެ. ނަމަވެސް މިއިން ކަމެއް ސިވިލްކޯޓުގެ ޙުކުމަކުން ފެންނާކަށްނެތެވެ. އަދި ދީބާޖާގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ ފެރީގެ އަދަދުވެސް ޓްރާންސްޕޯޓު މިނިސްޓްރީ ފަދަ ތަނަކުން ސާފުކޮށްފައިވާ ކަމަކަށް ސިވިލް ކޯޓުގެ ޙުކުމަކުން ސާފެއް ނުވިއެވެ. އަދި އަތޮޅުތަކުގައި ޚިދުމަތްލިބޭ ފެންވަރާއި ބޭނުންކުރާ އުޅަނދުތަކުގެ ތަފްސީލްތަކުގެ މައްޗަށް ސިވިލް ކޯޓުގެ ޙުކުމްގައި ވާހަކަ ދައްކާފައެއް ނުވެއެވެ.
މުސްތަޤްބަލުގައި ލިބެންއޮތް މަންފާ ގެއްލިގެން ދިއުމުން ހިސާބުތަކެއްކޮށް އެކަމަށްވެސް ސިވިލްކޯޓުގެ ޙުކުމްގައިވަނީ ދައުލަތް ޒިންމާ ކުރުވާފައެވެ. ދީބާޖާއަށް ލިބުނު ގެއްލުން ހިސާބުކޮށްފައިވަނީ ބައިނަލްއަޤުވާމީ އޮޑިޓް ފާމަކުން ކަމަށާއި މި ހިސާބުތަކަކީ ކުރިން ދައުލަތަށް ހުށަހަޅާ ދައުލަތުންވެސް ބަލައިގެންފައިވާ ހިސާބުތަކެއް ކަމަށާއި ޓޫރިޒަމް ޤާނޫނުން ބިމު ކުއްޔަށް އައިސްފައިވާ ބަދަލުތަކާއި ތެލާއި ތަކެތީގެ އަގު ބޮޑުވުމުން ދަތުރު ފަތުރުގެ ޚަރަދު ބޮޑުވެފައިވާތީ އާމްދަނީއާއި ޚަރަދުގެ ފައިނޭންޝަލް ޕްރޮޖެކްޝަން ބަދަލުވެފައިވާތީ އާމްދަނީ އާއި ޚަރަދު ހިސާބު ކުރުމަށްފަހު 12 ޖޫން 2012 ވަނަ ދުވަހުގެ ކުރިން އެތަފްސީލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން އަށް ދީބާޖާއިން ހުށަހެޅުމުން ސަރުކާރުން އެ ހިސާބުތައް ބަލައިގަނެ ގަބޫލުކޮށްފައިވާކަމަށް ޙުކުމްގައި ވެއެވެ. އެއްބަސްވުން އުވާލުމުގެ އަހަރެއްހާދުވަސް ކުރިން އެކަން ދައުލަތުން ގަބޫލުކުރީ އެއްބަސްވުން އުވާލާ ބަދަލު ދޭންތޯ ސުވާލު އުފެދެއެވެ. ނޫނީ މި މައްސަލައިގައި ގެއްލުމުގެ މިންވަރު ވަކިން ހިސާބު ނުކުރީ ކީއްވެބާވައެވެ. ވެއިޓެޑް އެވަރެޖް ކޮސްޓް އޮފް ކެޕިޓަލް އުސޫލުގެ ދަށުން ގެއްލުމުގެ ބަދަލު ދީބާޖާއަށް ދައުލަތުން ދޭންޖެހޭމިންވަރު ކަނޑައަޅައި، އެއީ ދައުލަތުން ދީބާޖާއަށް ދޭންޖެހޭ މިންވަރުކަމަށް ޝަރީޢަތަށް ސާބިތުކަމަށް ކަނޑައަޅައި 348 މިލިއަން ރުފިޔާ ދީބާޖާއަށް ދައުލަތުން ދޭންޖެހުނީއެވެ.
ދީބާޖާއިން ހުށަހެޅި ހިސާބުތަކަށް އެކަނި ބެލި އިރު، ދީބާޖާއިން ދަތުރު ފަތުރުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކޮށްފައިވާ ހަޤީޤީ އިންވެސްޓްމަންޓަކީ ކޮބައިކަން ނުވަތަ ކޮށްފައިވާ ޚަރަދަކީ ކޮބައިކަން ޙުކުމުން ސާފެއްނުވެއެވެ.
26 ބިމެއް ދީބާޖާއާ ލިއުމުން ހަވާލުކޮށްފައިވާއިރު އެ ބިންތައް ބޭނުންކުރުމުގައި ދީބާޖާއަށް އޮތީ ކޮން ހުރަހެއްކަމެއް ހުކުމުން ސާފެއް ނުވެއެވެ. ވުމާއެކު 348 މިލިއަން ރުފިޔާގެ ބަދަލު ދޭންޖެހޭކަން ސާބިތުކޮށްފައިވަނީ ހަމައެކަނި އެއްބަސްވުން އުވާލުމުގެ 01 އަހަރު ކުރީގެ ހިސާބުތަކެއް އަސްލަކަށް ބަލައި އެ މިންވަރުގެ ފައިދާ 50 އަހަރުގެ މުއްދަތަށް ލިބޭނެކަމަށް ދެކިގެންނެވެ.
ދެންނެވުނު ފަދަ ކަންކަން އެމަގުން ހުރުން އެއީ، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް ދައުލަތުން ބުނި ސަބަބުކަމަށް ވެދާނެއެވެ. ނަމަވެސް ހައިކޯޓަށް އެ މައްސަލަ ދައުލަތަށް އިސްތިއުނާފު ކުރެވުނީ މައްސަލަ ނިންމިތާ ގާތްގަނޑަކަށް 09 މަސް ފަހުންނެވެ. ދެން އަޅުގަނޑު ބަލާލާނީ ސިވިލް ކޯޓުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ބެލެވުނު ނަންބަރު 2015/HC-A/281 ޤަޟިއްޔާއަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ބެލި މައްސަލައިގައި 348 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ދީބާޖާއަށް، 23 އޮކްޓޯބަރ 2014 އިން ފެށިގެން މީލާދީ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް ކުރެއްވިއެވެ. ދައުލަތުން އެމައްސަލަ އިސްތިއުނާފު ކުރާނެކަމަށް ވަގުތުން ހާމަކުރިއެވެ. ނަމަވެސް ޢާންމުންނަށް ފެނިގެން ދިޔައީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ތަނެވެ. 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހު ޙުކުމްކުރި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ރެޖިސްޓްރީ ކޮށްފައިވަނީ 22 ޖުލައި 2015 ގައެވެ. އެއީ، ނުވަމަހެއްހާ ދުވަސް ފަހެވެ.
ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މާލޭގައި ޤާއިމްވެފައިވާ ދަށު ކޯޓަކުން ކުރާ ޙުކުމެއްނަމަ އެ ޙުކުމް ކުރި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދުގައިވާ ބަންދު ދުވަސްތައް ނުހިމަނައި 90 ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފުކުރަން ބޭނުންވާނަމަ އިސްތިއުނާފު ކުރަން ހުށަހަޅަން ވާނެކަމަށެވެ. މި މާއްދާއިން ދައުލަތުން ބަންޑާރަ ނާއިބު ހުށަހަޅާ ދަޢުވާތަކަށް އިސްތިސްނާއެއް ދީފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC (27 ޖެނުއަރީ 2015) ސަރކިއުލާ އިން އިސްތިއުނާފު ކުރުމުގެ މުއްދަތު ވަނީ 90 ދުވަހުން 10 ދުވަހަށް ކުޑަ ކުރައްވާފައެވެ. ނަމަވެސް 90 ދުވަސް ކަމަށް ޤާނޫނެއްގައި ކަނޑައަޅާފައިއޮތް މުއްދަތެއް 10 ދުވަހަށް، ޤާނޫނެއް މާނަކުރުމުގެ ތެރެއިން ބަދަލުކުރުމަކީ، ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަމަށްވިޔަސް ކުރެއްވިދާނެ ކަމެއްކަމަކަށް ޤާނޫނީ ދާއިރާގެ ޢިލްމުވެރިން ޤަބޫލެއް ނުކުރައްވައެވެ. އިސްތިއުނާފުގެ މުއްދަތު ކޮންމެ ގޮތަކަށް އޮތްނަމަވެސް ދީބާޖާގެ މައްސަލަ އިސްތިއުނާފު ކުރުމުގައި ވަރަށް ބޮޑު އިހުމާލެއް ބަންޑާރަނާއިބުގެ ފަރާތްޕުޅުން ފެނިގެންވަނީ ގޮސްފައެވެ. ނަމަވެސް ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުމުގެ ނިޒާމު ޤާނޫނުތަކުގައި ކިތަންމެ ރަނގަޅަކަށް ލިޔެފައިހުއްޓަސް ދައުލަތުގެ ކަމާބެހޭ ހުރިހާ ދިމާއަކުންވެސް އެކަމުގައި ފެނިފައިވަނީ ލޯމަރާލާފައެވެ.
ސިވިލްކޯޓުން ނިންމި ދީބާޖާއާބެހޭ މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅުމުން، އެކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ޙުކުމުން، ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން 26 ޖޫން 2018 ގައި ސިވިލް ކޯޓުގެ ޙުކުމްވަނީ ބާޠިލުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލައިން ފާހަގަ ކުރެވުނު ކަންތައްތައް
ހައިކޯޓުގެ ނިންމެވުމުގެ ސަބަބުން ދައުލަތުން އުފުލަން ޖެހުނު ބޮޑު ބުރަޔަކުން ސަލާމަތްވިއިރު ޤާނޫނީ ޝަރްޢީ ވަރަށްގިނަ ކަންތައްތަކެއް ފާހަގަކޮށް އެކަންކަމުގެ މައްޗަށް ވަނީ ތަފްސީލުކޮށް ވާހަކަ ދައްކާފައެވެ. މިގޮތުން ފާހަގަ ކުރެވުނު ބައެއް ނުކުތާތަކަށް މިތަނުގައި އަލިއަޅުވާލާނަމެވެ.
މައްސަލަ އިސްތިއުނާފު ކުރި ސަބަބު
ސިވިލްކޯޓުން ދީބާޖާ މައްސަލަ ނިންމި އިރު ހާދިސާގައި ކަންހިނގާދިޔަ ގޮތްތަކަށް (ފެކްޓްސްއަށް) ރިޢާޔަތް ނުކުރުމާއި، ދައުލަތުން ސިވިލްކޯޓަށް ހުށަހެޅި ހެކިތަކަކާއި ވަށައިގެންވީ ކަންކަމަށް ރިޢާޔަތް ނުކުރުމާއި، exception non adimpletion contractus (ކޮންޓްރެކްޓެއްގެ ދަށުން ތިމާ އަދާކުރަންޖެހޭ ޒިންމާއެއް ފުރިހަމައަށް އަދާނުކޮށް އަނެއްފަރާތުން ބަދަލެއް ހޯދުމަށް ކޯޓަށް ދިއުން މަނާވުން) މި ގާއިދާ ސިވިލްކޯޓުން ނުބައިކޮށް ބޭނުންކޮށްފައިވުމާއި، ޢާންމު ޚިދުމަތެއް ފޯރުކޮށްދިނުމާބެހޭ އެއްބަސްވުންތަކާއި ވިޔަފާރި އެއްބަސްވުންތަކުގައި ހުންނަ ތަފާތުގެ މައްޗަށް މަތީމަރުހަލާގެ ކޯޓުތަކުން ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް މިމައްސަލާގައި ސިވިލްކޯޓުން މައްސަލަ ނިންމެވުމުގައި ޢަމަލު ކުރައްވާފައިވުމާއި، ދަޢުވާކުރި ފަރާތަށް ލިބުނުކަމަށްބުނާ ގެއްލުން، ހިސާބު ކުރުމުގައި މަތީމަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މި މައްސަލާގައި ޢަމަލު ކުރައްވާފައި ވުމަކީ ދައުލަތުން މައްސަލަ އިސްތިއުނާފު ކުރުމުގައި ބޭނުންކުރެއްވި މުހިންމު ސަބަބުތަކެވެ.
އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން މައްސަލަ ބަލައިގަތުމަށް ނިންމުން
އިސްތިއުނާފުގެ މުއްދަތު ހަމަވުމަށް ފަހު އެ މައްސަލަ ހައިކޯޓަށް ބަލައިގެންފައިވާތީ އެކަން އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ދީބާޖާގެ ފަރާތުންވަނީ ފާހަގަ ކޮށްފައިވެއެވެ. ހައިކޯޓުގެ ގަވާއިދުގައި ބުނަނީ ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށް ފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް މެދުވެރިވެގެން މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނޭޅިއްޖެނަމަ، "އެކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް" ލިބިގެންވާކަމަށެވެ. އަދި ކޯޓުތަކާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައި ވެސް އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފަށް ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ "ހައިކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައި ވާނަމަ،" އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށް ފަހުވެސް، މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަމަށް ސާފުކޮށްވަނީ ބަޔާންކޮށްފައެވެ. ވުމާއެކު، އަމިއްލަ ބާރު ނުފޯރާ ކަންކަމަކީ ކޮބައިކަން ޤާނޫނުގައި ސާފުކޮށް ކަނޑައަޅާފައެއް ނުވެއެވެ. އަދި އެކަންވަނީ ހައިކޯޓަށް މައްސަލަ ބަލައިގަތުމުގައި "ހައިކޯޓުގެ ފަނޑިޔާރުންގެ އިޚްތިޔާރަށް" ދޫކޮށްލާފައެވެ.
ލެޓިން ޓާމްއެއް ކަމަށްވާ “ejusdem generis” އަކީ ޤާނޫނުތައް މާނަކުރުމުގައި "ފަދަ ކަންކަން" ކަމަށް ބަޔާންކޮށްފައިވާ މާނައިގެ ތެރޭގައި ހިމެނޭ ކަންކަން ކަނޑައެޅުމުގައި ގައިޑުކޮށްދޭ ޤާނޫނީ އުސޫލެކެވެ. އަމިއްލަ ބާރު ނުފޯރާފަދަ ކަންކަމުގެ ތެރޭގައި ހިމެނޭނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމާއެކު އެކަން މާނަކުރުމުގައި "ފަދަ ކަންކަން" މާނަކުރެވޭނީ މިސާލަކަށް ކާރާއި، ޕިކަޕާއި، ޓްރަކް ފަދަ ވެހިކަލްކަމަށް ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި "މަތިންދާ ބޯޓު" "ފަދައިގެ" މާނައިގެ ތެރޭގައި ނުހިމެނޭނެކަމާއި އެހެނީ ކާރާއި، ޕިކަޕާއި، ޓްރަކް އަކީ އެއްގަމު ދަތުރު ފަތުރުގެ މާނައިގެ ތެރޭގައި ބޭނުންކުރެވޭ އެއްޗެއްސަށްވާއިރު މަތިންދާބޯޓު ބޭނުން ކުރެވެނީ ވައިގެ ދަތުރު ފަތުރަށް ކަމަށްވާތީއެވެ. ވުމާއެކު އަމިއްލަ ބާރު ނުފޯރާ "ފަދަ" ކަމެއްދިމާވެގެން އެމައްސަލައެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަނޭޅިއްޖެނަމަ އެފަރާތަކަށް ދިމާވެފައިވާ ކަމަކީ "އަމިއްލަ ބާރު ނުފޯރާ ފަދަ" ކަމެއްތޯ ކަނޑައެޅުމަކީ ހައިކޯޓަށް ޤާނޫނުން ދީފައިވާ އިޚްތިޔާރެއްކަން ސާފުކޮށް އެނގެއެވެ. އަދި މައްސަލަ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުރަސް އެޅުނީ އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެންކަން ސާބިތުކޮށް ދިނުމަކީ މައްސަލަ ހުށަހަޅާފަރާތުގެ ޒިންމާއެއްކަމާއި އަދި އެކަމުގައި ގޮތެއް ނިންމުމަކީ ހައިކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަން ކޯޓުތަކާބެހޭ ޤާނޫނުން ސާފުކޮށް އެނގެއެވެ.
ހައިކޯޓުގެ ޤަޟިއްޔާގައި މައްސަލަ ބަލައިގަތް ސަބަބުގެ މައްޗަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވާއިރު އޭގެތެރޭގައި "އުންމީދު ކުރެވިފައި ނުވާ ބާރެއް/ޙާލަތެއް ކުރިމަތިވުމާއި، ޤުދުރަތީ ހާދިސާތަކާއި، އިންސާނާގެ ޢަމަލުން ކުރިމަތިވާ ކަންކަމާއި، ޤާނޫނުހަދާ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ސަބަބުން ކުރިމަތިވާކަންކަން ވެސް އަމިއްލަ ބާރު ނުފޯރާ ކަންކަން ކަމުގައި އޮޅުމެއްނެތި ބެލޭނެމާއި، ނަމަވެސް ދީބާޖާއިން ފާހަގަކުރާ އަމިއްލަ ބާރު ނުފޯރާ ކަންކަމަކީ "ޤުދުރަތީ ކާރިސާތަކާއި، ބޮޑެތި ހަމަނުޖެހުންތަކާއި، ގަޑުބަޑުތަކާއި، ކާފިއު ހިންގުމާއި، މިފަދަ ކަންކަން ކަމަށް" ބުނާތީ އެކަންކަމަކީ ދެބަހެއްނެތި އަމިއްލަ ބާރު ނުފޯރާ ކަންކަން ކަމަށްވިޔަސް ކުރިން ދެންނެވުނު ކަންކަންވެސް އަމިއްލަބާރު ނުފޯރާ ކަންކަމުގެ ގޮތުގައި ބެލުން މަނާކުރާ އެއްވެސް ޤާނޫނީ ނަސްޚެއް ނެތުމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/17 ޤަޟިއްޔާގައި ބަންޑާރަ ނާއިބުގެ މަޤާމު ހުސްކޮށް އޮތުމަކީވެސް އަމިއްލަ ބާރު ނުފޯރާފަދަ ކަމެއްކަމަށް ބެލިދާނެކަމަށް ބަޔާންކޮށްފައިވުމުން، ކޯޓުތަކުގެ ޤާނޫނުގެ 29 ވަނަ މާއްދާއަށް ބެލުމުން އިސްތިއުނާފުކުރާ ފަރާތަށް ދިމާވެފައިވާ ކަމަކީ ވަކި ކަމަކަށް މަހްދޫދުވެފައިވާ ކަމަކަށް ނުވުމާއި، ދިމާވެފައިވާކަމަކީ މަޤްބޫލު ސަބަބެއްތޯ ނޫންތޯ ކަނޑައެޅުމަކީ ހައިކޯޓަށް ލިބިދީފައިވާ އިޚްތިޔާރެއްކަން ސާފުކޮށް އެނގޭތީ، މައްސަލަ ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ މަޤްބޫލު ސަބަބެއްކަމަށް ބަލަން ޖެހޭކަމަށް ހައިކޯޓުންވަނީ ކަނޑައަޅާފައެވެ. އަދި އިސްތިއުނާފުގެ މުއްދަތު ހަމަވުމަށް ފަހު ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުންވެސް އެތައް މައްސަލައެއް ބަލައިގަނެފައިވާއިރު މައްސަލަ ހައިކޯޓަށް ބަލައިގަތުމަށް ނިންމާފައިވާ ނިންމުމަކީ ވަކި ޚާއްސަކަމެއްގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫންކަމާއި އެވަގުތަކު ދިމާވެފައިވާ ހާލަތަށް ރިޢާޔަތްކޮށް އެއީ، މަޤްބޫލު ސަބަބެއްތޯ ކަނޑައެޅުމަކީ ފަނޑިޔާރުންނަށް ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރީ ބާރެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.
އެއްބަސްވުމާ އެއްގޮތަށް ފެރީގެ ޚިދުމަތް ދީބާޖާއަށް ފޯރުކޮށް ނުދެވުން:
ސިވިލްކޯޓުން ދީބާޖާއާބެހޭ މައްސަލަ ނިންމެވުމުގައި ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތްތަކަށް (ފެކްޓްސް) އަށް ރިޢާޔަތް ކުރެވިފައިނުވާކަން ހައިކޯޓުގެ ޤަޟިއްޔާގެ 3.2 ވަނަ ނުކުތާއަށް ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ. މިގޮތުން ފެންނަން އޮތް ކަމަކީ ދީބާޖާއަށް ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ ނ،ރ،ބ،ޅ އަތޮޅުގެ ރަށްތަކަށް ކަމަށްވާއިރު އޭގެތެރެއިން ދަތުރު ފަތުރުގެ ޚިދުމަތް ނުދެވި މެދުކެނޑިފައިވަނީ ހަމައެކަނި 29 މެއި 2013 ވަނަ ދުވަހު ބ.ފުޅަދޫ އާއި ފެހެންދޫ އާ ދެމެދު އެކަނިކަމަށް ސިވިލް ކޯޓުގެ ޙުކުމުން ދޭހަވެއެވެ. ނަމަވެސް ހައިކޯޓުގެ ރިޕޯޓަށް ބަލާއިރު އެއީ ރަނގަޅު މަޢުލޫމާތެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. މިގޮތުން ދަތުރު ފަތުރުގެ ޚިދުމަތް ނ.ރ.ބ.ޅ އަތޮޅުގެ ރަށްތަކަށް ދީބާޖާއަށް ފޯރުކޮށް ނުދެވިގެން ޓްރާންސްޕޯޓު މިނިސްޓްރީން އެތައް ފަހަރެއްގެމަތިން އެތައް އިންޒާރެއްދީފައިވާ ކަމުގެ ސާފުހެކި ކޯޓަށް ހުށަހަޅާފައި ވާކަމަށް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިކަންކަން ސިވިލްކޯޓުގެ ޤަޟިއްޔާގައި ފާހަގަ ނުކުރި ސަބަބަކީ ކޮބައިކަން ސާފެއްނޫނެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަނުން 24 އޮކްޓޯބަރ 2012 ގައި ނ.ބ.ޅ އަތޮޅުގެ ފެރީގެ ޚިދުމަތް މެދުކެނޑެމުންދާތީ އެކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށާއި އަތޮޅު ކައުންސިލަށް އެ އަތޮޅުތަކުގެ ރައްޔިތުން ހުށަހަޅަމުންދާތީ ވަގުތީ ފެރީއެއް ބާއްވައިގެން ނަމަވެސް ޚިދުމަތް ދިނުމަށް ވަނީ ސިޓީއަކުން ދީބާޖާއަށް އަންގައިފައިވެއެވެ. 06 ޑިސެމްބަރ 2012 ގައި ބ.ތުޅާދޫއަށް ފެރީގެ ޚިދުމަތް ނުލިބޭތާ 45 ދުވަސް ވެގެން އެކަންވެސް ވަނީ ދީބާޖާގެ ސަމާލުކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ގެނެސްފައެވެ. އަދި ބ.އަތޮޅުފެރީ ގެ ޚިދުމަތް ނުލިބިގެން 06 ޑިސެމްބަރ 2012 ގައި އަތޮޅު ކައުންސިލުން މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައި ވެއެވެ. އަދި ފެރީގެ ޚިދުމަތަކީ ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފަކަށް ނުހެއްދެވުމަށް ޖީބާޖާއަށް ސަރުކާރުން 06 ޑިސެމްބަރ 2012 ގައި އަންގަވާފައި ވެއެވެ. 09 ޑިސެމްބަރ 2012 ގައި ބ.އަތޮޅުގެ ދެކުނު ބިތުގެ ފެރީތައް ހުއްޓިފައިވާތާ 45 ދުވަސްވެފައިވާ ކަމަށާއި ވުމާއެކު ދަތުރުތައް ފެށޭނެ ތާރީޚެއް އަންގައިދިނުމަށް ދީބާޖާ ކުންފުނީގައި ސަރުކާރުން އެދިފައި ވެއެވެ. ރ.ބ. އަތޮޅުގެ ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށާއި އެކަން ހައްލު ކުރުމަށް 16 ޑިސެމްބަރ 2012 ގައިވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ދީބާޖާއަށް އަންގަވާފައެވެ. 19 ޑިސެމްބަރ 2012 ގައި ނ.ރ.ބ އަތޮޅުގެ ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށާއި އެ ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި 05 އޭޕްރީލް 2013 ގައި ބ.ތުޅާދޫ ކައުންސިލްގެ އިދާރާއިންވަނީ ފެރީގެ ޚިދުމަތް ނުލިބޭތާ 06 މަސްވެގެން އެކަން ޓްރާންސްޕޯޓު މިނިސްޓްރީގެ ސަމާލުކަމަށް އަނެއްކާވެސް ގެނެސްފައެވެ. 29 އޭޕްރީލް 2013 ގައި އެކަން ޙައްލުކުރުމަށް މަޝްވަރާކުރުމަށް ދީބާޖާއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި އެ ދުވަހުން ފެށިގެން 01 ހަފްތާގެ ތެރޭގައި ދަތުރުތައް ފެށުމަށް ދިބާޖާއަށް އަނެއްކާވެސް ވަނީ އަންގާފައެވެ. އެވަރުންވެސް އެކަން ހައްލު ނުގެން 13 މެއި 2013 ގައި އަނެއްކާވެސް ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. 16 މެއި 2013 ގައިވެސް އަނެއްކާވެސް ވަނީ ދަތުރުތަށް ނުފެށޭތީ އެކަމުގެ ކަންބޮޑުވުން ފާހަގަކޮށްފައެވެ. އަދި ދަތުރު ފަތުރުގެ ޚިދުމަތާބެހޭ ޢާންމު ފޯރަމެއް 15، 16 މެއި 2013 ގައި ވަނީ ބާއްވާފައެވެ. އަދި ޚިދުމަތް މެދުކެނޑިފައިވާތީ އެކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ފާހަގަ ކުރާ ކަންކަމަކީ ދީބާޖާއިން ދެކޮޅުހަދާ ކަންކަމެއް ނޫނެވެ. 26 މެއި 2013 ގައި ޓެމްޕަރަރީ ސެޓަޕަކާއެކު ދަތުރު ފަތުރުތައް ފަށާނެކަމަށާއި ނަމަވެސް ދޯނި ލިބުން ދަތިވެފައިވާތީ އެއްބަސްވުމުގައިވާގޮތަށް އެމިންވަރަށް ފެރީތައް ނުބޭއްވޭނެކަމަށް ދީބާޖާ އިން ސަރުކާރަށް އަންގާފައިވެއެވެ. ފަޅުވެރިން ލިބުމުގެ ދަތިކަމާއި ދޯނި ލިބުމުގެ ދަތިކަމާއެކު އެއްބަސްވުމުގައި އޮތްގޮތަށް ދަތުރު ފަތުރުގެ ޚިދުމަތް ނުދެވޭނެކަމަށް ސާފުކޮށް ދީބާޖާއިން ބުނެފައިވެއެވެ. އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދެވިގެން ސަރުކާރުން އެއްބަސްވުން ބާޠިލުކޮށް އެކަން އަންގާފައިއެވަނީ 30 މެއި 2013 ގައެވެ. އެއްބަސްވުން ބާޠިލު ކުރުމާ ހަމައަށްވެސް އެއްގޮތަކަށްވެސް ދަތުރުފަތުރުގެ ޚިދުމަތް ނުފެށޭ ބައެއް ސެކްޓަރ ހުރިކަން ފާހަގަ ކުރެވެއެވެ. އަދި އެއްބަސްވުން ބާޠިލު ކުރީ އެއްބަސްވުމުގެ ކޮން މާއްދާތަކެއްގެ ދަށުންކަން ސާފުކޮށް ދީބާޖާއަށް ސަރުކާރުން ވަނީ އަންގާފައިވެއެވެ. ދެންނެވުނު މަޢުލޫމާތަކީ ހައިކޯޓުގެ ޤަޟިއްޔާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަމެވެ. ނަމަވެސް ސިވިލްކޯޓުގެ ޤަޟިއްޔާއަށް ބެލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެހެނީ ބަރާބަރަށް ދަތުރު ފަތުރުގެ ޚިދުމަތް ދެމުން ދަނިކޮށް ސަރުކާރުން އެއްބަސްވުން ބާޠިލު ކޮށްލި މަންޒަރެވެ. އަދި އަސާސީ ފެރީއާއި ނޭޝަނަލް ފެރީގެ ޚިދުމަތްވެސް ދީބާޖާއަށް ނުދެނުކަމާއި އެކަން ތަކުރާރުކޮށް ދީބާޖާއަށް ސަރުކާރުން އެންގުމުންވެސް އެކަން އުޅަނދު ފަހަރުގެ ދަތިކަމާއި ފަޅުވެރިންގެ ދަތިކަމާހުރެ ޚިދުމަތް ނުދެވި ވާކަމީ ސާފުކޮށް ފެންނަންއޮތް ކަންކަމެވެ. އަދި މިކަންކަމަކީ ސިވިލްކޯޓުން ރިޢާޔަތް ނުކުރެއްވި ސާފުކޮށް ފެންނަންއޮތް ހެކިތައްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ވެއެވެ.
ގެއްލުމުގެ ބަދަލު ހޯދުން
އެއްބަސްވުން ބާޠިލު ކުރުމާގުޅިގެން 156 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ހުށަހަޅާ އެފައިސާ އަދާކުރުމަށް ދީބާޖާއިން ސަރުކާރަށް 14 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. 30 މެއި 2013 ގައި އެކަން ހުށަހެޅި ސިޓީގައިވަނީ އެމުއްދަތުގެ ތެރޭގައި އިތުރު ހުށަހެޅުމެއް ނެތްނަމަ އެގޮތަށް ސަރުކާރުން އެއްބަސްވީކަމަށް ބަލާނެކަމަށެވެ.
އެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލު ނަގައިދިނުމުގައި ސިވިލް ކޯޓުން ހަވާލާދީފައިވާ އެއް ޕްރިންސިޕަލްއަކީ ކޮންޓްރެކްޓުތަކާބެހޭ exceptio non adimpleti contractus އުސޫލެވެ. މި އުސޫލަށް ބަލާއިރު "އެކްސެޕްޓިއޯ ނޮން އެޑިމްޕްލެޓި ކޮންޓްރެކްޓަސް" އަކީ ކޮންޓްރެކްޓުގެ ދަށުން އެއްފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފުމަށް ދާންދެން އަނެއް ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުން ހުއްޓުވުމަށް" ބޭނުން ކުރެވޭ ގާއިދާއެކެވެ. ނަމަވެސް މި ގާއިދާ ސިވިލްކޯޓުން މި މައްސަލައިގައި ނުބައިކޮށް ތަޠުބީޤު ކޮށްފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އެ ގާއިދާ ބޭނުން ކުރުމަކީ ހުއްދަވެގެންވާ ކަމެއްކަމަށް ކަނޑައަޅާފައި ވާކަމާއި ނަމަވެސް އެއްބަސްވުމުގެ ބާވަތާއި ހާލަތަށްބަލައި ކޮންޓްރެކްޓުގެ އަނެއްބައިވެރިޔާ އަދާކުރަންޖެހޭ ކަންކަން ނުކޮށް ހުއްޓުވާފައި ބޭއްވުން ހުއްދަވާނެ ހާލަތްތަކާބެހޭގޮތުން ތަފްސީލުކޮށް ކަނޑައަޅާފައި ނުވިނަމަވެސް އެ ހާލަތު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ފަނޑިޔާރަށް އޮތް ބާރެއްކަމަށް ބަލަންޖެހޭނެކަމަށް ހައިކޯޓުންވަނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައެޅުމުގައި ދެ ކަމަކަށް ބަލަން ޖެހޭނެކަމަށް ހައިކޯޓުންވަނީ ބަޔާންކޮށްފައެވެ. މިގޮތުން އެކަން ދިފާޢެއްގެ ގޮތުގައި ނަގާނަމަ ސާބިތުކޮށްދޭން ޖެހޭނެ ފުރަތަމަ ކަމަކީ އެއްފަރާތުން ކޮށްދޭ ކަމެއްގެ ބަދަލުގައި އަނެއްފަރާތުން ކަމެއް ކޮށްދޭން ޖެހޭނެކަން ސާބިތުކޮށްދިނުމެވެ. އަދި އެކަން ބިނާވަނީ ދެ ޝަރުޠެއްގެ މައްޗަށް ކަމާއި ފުރަތަމަ ކަމަކީ އެ އެއްބަސްވުމަކީ ރެސިޕްރޮކަލް (އެއްފަރާތުން ކޮށްދޭ ކަމެއްގެ މައްޗަށް އަނެއް ފަރާތުން ކަމެއް ކޮށްދިނުން ލާޒިމުވާފަދަ ކޮންޓްރެކްޓުތައް) އެއްބަސްވުމަކަށް ވުމާއި، އަދި ދެވަނަ ޝަރުތަކީ އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަކީ ފުރަތަމަ ކަމެއް ކޮށްދޭންޖެހޭ ފަރާތަށް ވުމެވެ.
ދަތުރު ފަތުރު ގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރާ ދިބާޖާއާއި އެކު ޤާއިމްކޮށްފައިވާ އެއްބަސްވުމަށް ބަލާއިރު އެ އެއްބަސްވުމަކީ ދެންނެވުނު ޝަރުޠުތައް ފުރިހަމަނުވާ އެއްބަސްވުމެއްކަން ސާފުކޮށް ސާބިތުވާ ސަބަބުތައް ހައިކޯޓުން ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
ދަތުރު ފަތުރުގެ ޚިދުމަތް ފެށުމަށް ނުވަތަ ހުއްޓުމެއްނެތި ދިނުމަށް، ވަކިމުއްދަތެއްގެ ތެރޭގައި ވަކިކަމެއް ކޮށްދިނުން ސަރުކާރަށް ލާޒިމު ނުކުރެވޭނެކަމާއި އަދި އިޚްލާޞްތެރިކަމާއެކު އެއްބަސްވުމުގައި ސަރުކާރުން ކޮށްދިނުމަށް ލާޒިމުކުރާކަންކަން ސަރުކާރުން ފުރިހަމަ ކުރަމުންދާކަން ފާހަގަ ކޮށްފައިވެއެވެ. މިގޮތުން ބައެއް ބިންތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެއެވެ. ސަރުކާރާ ދީބާޖާއާއެކު ގާއިމް ކުރެވިފައިވާ އެއްބަސްވުމަށް ބަލާއިރު އެއީ ރެސިޕްރޯކަލް އެއްބަސްވުމެއް ނޫންކަމާއި އެހެނީ ދީބާޖާއިން ދަތުރު ފަތުރުގެ ޚިދުމަތް ދޭނީ ސަރުކާރުން އެމީހުންނަށް ކަމެއް ކޮށްދިނުމުން އޭގެ ބަދަލުގައި ނޫންކަމީ ދެ ފަރާތުގެ ދެމެދުގައި ޤާއިމްކުރި އެއްބަސްވުމުން ސާފުކޮށް ފެންނަން އޮތް ކަމެކެވެ. ވުމާއެކު، ތަފާތު ބާވަތުގެ އެއްބަސްވުންތައް ހުންނާތީ ހުރިހާ އެއްބަސްވުމަކީ އޭގެ ޒާތުގައި ވިޔަފާރީގެ އެއްބަސްވުމަކަށް ނުބެލެވޭނެކަމީ ސާފުކޮށް ފެންނަން އޮތް ކަމެކެވެ. ދީބާޖާއަކީ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމާއި އެކަމަށް ބޭނުންވާ އިންފްރާސްސްޓަރަކްޗަރ ޤާއިމް ކުރުމާއި އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމާއި އަދި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ދީބާޖާއަށް އެއްބަސްވުމުން ލާޒިމު ކުރެއެވެ. އަދި އެކަން އެގޮތުގެމަތިން ކުރާތީ ސަރުކާރުން ފޯރުވައިދޭ ބިންތަކުގެ ނަފާ ދިގުމުއްދަތަކަށް އިންވެސްޓު ކޮށްގެން ލިބިގަނެ މަންފާ ހޯދުމަކީ މި އެއްބަސްވުމުގެ މަޤްޞަދުކަމަށްވާތީ އެ އަސާސްގެ ބޭރުން "ކަމަކަށް ކަމެއް" ކޮށްދިނުމަކީ އެއްގޮތަކަށްވެސް ދެ ފަރާތުން ޤާއިމްކުރި އެއްބަސްވުމުގެ މަޤްޞަދު ނޫންކަން އެނގޭއިރު އެކަމަށް ސިވިލްކޯޓުގެ ޤަޟިއްޔާގައި ރިޢާޔަތް ނުކުރައްވާ އޮތްކަން ހައިކޯޓުގެ ރިޕޯޓުގައިވަނީ ފާހަގަ ކޮށްފައެވެ.
ގެއްލުމުގެ މިންވަރު ހިސާބުކުރުން
ގެއްލުމުގެ ބަދަލު ނަގައި ދިނުމާބެހޭ ގޮތުން ހައިކޯޓުގެ ރިޕޯޓުގައި ވާހަކަ ދައްކާފައިވަނީ އެރިޕޯޓުގެ 3.5 ވަނަ ނަންބަރުގައި ފަސްވަނަ ކަމެއްގެ ގޮތުގައެވެ. ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައިދެވޭގޮތް ހިސާބުކުރެވޭނެ ގޮތްތަކާބެހޭގޮތުން މަގުދައްކައިދެނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއެވެ. އަދި ގެއްލުމުގެ ބަދަލު ހިސާބު ކުރުމާބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/201 ޤަޟިއްޔާގައި ނިންމާފައިވާ ގޮތްތަކެއްވާކަމާއި އަދި ސިވިލްކޯޓުގެ ޤަޟިއްޔާގައި އެއާ ޚިލާފަށް ކަންކަން ނިންމަވާފައި ވާކަމަށްބުނެ އެކަމުގެ މައްޗަށް ވަނީ ވާހަކަ ދައްކާފައެވެ.
ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން ބަދަލެއްދޭނަމަ ފުރަތަމަ ބަލަންޖެހޭނީ ކޮންޓްރެކްޓާ ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވޭތޯއެވެ. ކޮންޓެކްޓަކާ އެއްފަރާތުން ޚިލާފުވާކަން ޝަރީޢަށް ސާބިތުވާނަމަ ގެއްލުމުގެ ބަދަލުގެ މިންވަރުގެ މައްޗަށް ކަންކަން ކަނޑައެޅޭނީ އޭގެ ފަހުންނެވެ. ވުމާއެކު، ހައިކޯޓުން ފާހަގަ ކުރައްވާފައިވަނީ ސަރުކާރާ ދީބާޖާއާއެކު ހަދާފައިވާ ކޮންޓްރެކްޓު ޤާނޫނާ ޚިލާފަށް ބާޠިލުކޮށްފައިވާކަން ޝަރީޢަތަށް ސާބިތު ނުވާކަމަށެވެ. ވުމާއެކު، ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ގޮތުގެ ޙަޤީޤަތްތައް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެކަންކަމަށް ބެލުމުން، ޤާނޫނާ ޚިލާފަށް ކޮންޓްރެކްޓު އުވާލާފައިވާކަން ދީބާޖާއަށް ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީ، އެކަމުގެ މައްޗަށް ދެވެންޖެހޭ ބަދަލެއް ނޯންނާނެކަމަށް ހައިކޯޓުންވަނީ ކަނޑައަޅާފައެވެ. އެހެނީ 45 ދުވަހަށްވުރެ އިތުރަށް ދަތުރު ފަތުރުގެ ޚިދުމަތް ނުލިބިގެން ސަރުކާރުން އެކަން ހަނދާކޮށްދީ އިސްލާޙުކުރުމަށް ތަކުރާރުކޮށް އެދެމުން ދިޔައިރުވެސް އެކަން ދީބާޖާއަށް އިސްލާހުކޮށް ދެވިފައިނުވާކަން އެނގެއެވެ. އަދި އެކަންކަމަށް ރައްދުދީ ޖީބާޖާއިން އެކަން ދޮގުކޮށް ޚިދުމަތް ބަރާބަރަށް ފޯރުކޮށްދެމުންދާކަމަށް އަންގާފައި ނުވާކަން ހައިކޯޓުންވަނީ ފާހަގަ ކޮށްފައެވެ. އަދި ބިންތައް ހަވާލުކޮށް ޗާޓުތަކުން އެތަންތަން ވަކިކޮށް ހަވާލުކުރިކަމަށް އަންގާ ސަރުކާރުން އެންގި އެންގުމަށް ޗެލެންޖުކޮށް ޝަރީޢަތަށް އެއްވެސް ކަމެއް ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުގެ ޙުކުމްގައި ވެއެވެ. ވުމާއެކު، ޤާނޫނާޚިލާފަށް އެއްބަސްވުން އުވާލިކަން ދީބާޖާއަށް ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ނަޒަރުގައި ސާބިތުކޮށް ނުދެވިފައެވެ.
ކޮންޓްރެކްޓު ބާޠިލުކުރުމުން ދީބާޖާއަށް ލިބުނު ގެއްލުން ބަޔާންކުރުމުގައި ދީބާޖާއިން ފާހަގަކުރި އެއް ކަމަކީ އެއްބަސްވުން އުވާލުމާއެކު ދަތުރުފަތުރުގެ ޚިދުމަތާ ގުޅިގެން ސަރުކާރުން ދީބާޖާއާ ހަވާލުކުރި ރ.ކުޑަކުރަތުގެ އެއްބަސްވުން ބާޠިލުކުރި ކުރުމެވެ. އެކަމުގެ މައްޗަށް ހައިކޯޓުގެ ހުކުމްގައި ތަފްސީލުކޮށްވަނީ ވާހަކަ ދައްކާފައެވެ. އެ އެއްބަސްވުން އުވާލުމާ ގުޅިގެން ސަބްލީސް ރެންޓުގެ ގޮތުގައި 47 އަހަރުގެ ކުލި ދީބާޖާއަށް ނުލިބޭނެތީ އެއީ ކޮންމެ އަހަރަކު އެކުންފުންޏަށް ގެއްލިގެންދާ 1.5 މިލިއަން ޑޮލަރުކަމަށް ސާބިތުވާކަމަށް ސިވިލްކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ނިންމުމަކީވެސް ސުވާލު އުފެދޭ ނިންމުމެކެވެ. އެހެނީ އަހަރަކު 1.5 މިލިއަން ޑޮލަރަކީ ސަރުކާރާ ދީބާޖާއާއެކު ޤާއިމްކުރި ދަތުރު ފަތުރުގެ ޚިދުމަތް އެ އެއްބަސްވުމާ އެއްގޮތަށް ބަރާބަރަށް ދެމުން ދިޔަނަމަ ކޮންމެ އަހަރަކު އެކުންފުންޏަށް ލިބެމުންދާނެ އާމްދަނީއެއްކަމާއި ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ދީބާޖާއާއެކު ހެދި އެއްބަސްވުމުގެ ތެރެއިން ލިބޭ އާމްދަނީއެއް ނޫންކަން އެނގެއެވެ. އަދި ގެއްލުމުގެ ބަދަލުގެ ތެރޭގައި ސަރުކާރުން ދީބާޖާއަށްދޭނެ 47 ބިމުން 50 އަހަރު ދުވަހުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ބަދަލުގެ ގޮތުގައި ހޯދުމަށް ދީބާޖާ އިން މަސައްކަތް ކުރިނަމަވެސް ދަތުރު ފަތުރުގެ ޚިދުމަތް ފުރިހަމައަށް ދިނުމަކީ އެ އާމްދަނީ ލިބިގަތުމަށް ފުރަތަމަ ފުރިހަމަވާންޖެހޭ ޝަރުތެއްކަން އެނގެއެވެ. އަދި ގެއްލުން ހިސާބު ކުރުމުގައި ސިވިލް ކޯޓުން ބެލި ލިއުމަކީ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް ހިނގާނެ ޚަރަދުގެ އަންދާޒާ ހިސާބެއް ހުށަހެޅުމަށް ސަރުކާރުން އެދުމުން 12 ޖޫން 2012 ގައި ސަރުކާރަށް ސިޓީއަކާއެކު ހުށަހެޅި ލިއުމެއްކަމާއި އަދި އެއީ ގެއްލުމުގެ ބަދަލު ދިނުމާބެހޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަން އެނގޭކަން ހައިކޯޓުންވަނީ ފާހަގަ ކޮށްފައެވެ.
ހައިކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ދެ ފަރާތެއްގެ ދެމެދުގައި ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ތެރެއިން ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމުގައި ބަލަން ޖެހޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ކަމަށާއި އެގޮތުން ބަދަލު ނެގުމުގައި ކޮންޓްރެޓު އުވާލުމުގެ ސަބަބުން ލިބުނުގެއްލުމާ މާދުރަށް ނުދެވޭނެކަމާއި (ރިމޯޓުނެސް އޮފް ޑެމޭޖް) އެއީ އިސްތިޤްރާރުވެފައިވާ ނުވަތަ ކަނޑައެޅި ބަޔާންވެފައިވާ ގޮތެއްގެމަތިން ކަން ހިންގަމުން އަންނަ ގޮތްކަމަށް ހައިކޯޓުންވަނީ ކަނޑައަޅާފައެވެ.
ސަރުކާރާ ދީބާޖާއާ ދެމެދު ޤާއިމްކުރި އެއްބަސްވުމާ ގުޅިގެން ޚިދުމަތް ދިނުމަށް ބޮޑެތި ޚަރަދުތަކެއް ދީބާޖާއިން ކޮށްފައިވާކަމަށް ދަޢުވާގައި ބުނިނަމަވެސް އެ ޚަރަދުތަކުގެ ނުވަތަ ކޮށްފައިވާ އިންވެސްޓުމަންޓުތަކުގެ އެއްވެސް ތަފްސީލެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުގެ ރިޕޯޓުގައިވަނީ ފާހަގަ ކުރައްވާފައިވެއެވެ. އަދި ފެރީބަނުމަށް 2.1 މިލިއަންޑޮލަރުގެ އެގްރީމެންޓްވަނީ ކޮށްފައިކަމަށް ބަޔާންކުރި ނަމަވެސް އެ އެގްރީމެންޓުގެ ކޮޕީއެއްވެސް އަދި އެކަމަށް ކުރި ޚަރަދެއްގެ ތަފްސީލެއްވެސް ހުށަހަޅާފައި ނެތްކަމަށް ކޯޓުންވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެއްބަސްވުން އުވާލުމުގެ ސަބަބުން ލިބުނު ސީދާ ގެއްލުމުގެ ގޮތުގައި ދެބިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާކަމާއި އަދި މުސްތަޤްބަލުގައި ލިބޭނެ އާމްދަނީ ހިސާބުކުރަން ބޭނުންކުރާ އުސޫލެއްކަމަށްވާ ވެއިޓެޑް އެވްރެޖް ކޮސްޓު އޮފް ކެޕިޓަލް ގެ އުސޫލުން 348 މިލިއަން ރުފިޔާ ދޭންޖެހޭނެކަމަށް ސިވިލްކޯޓުން ހުކުމްކޮށްފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރާ އެންމެ އަސާސީ ކަންކަމަށްވެސް ބެއްލެވުމެއް ނެތި ކަމަށް ހައިކޯޓުންވަނީ ފާހަގަ ކޮށްފައެވެ. އަދި ލިބުނު ގެއްލުން ސާބިތުކުރުމަށް އެއްވެސް ލިއުމެއް ހުށަހަޅާފައިނެތީސް އެކަމަށްވެސް ބެލުމެއްނެތި، އަދި އަސްލު ދަޢުވާގައި މުސްތަޤްބަލްގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ހޯދުމަށް ދަޢުވާކޮށްފައިނެތީސް އެފައިސާވެސް ނަގައިދިނުމަށް ސިވިލްކޯޓުން ހުކުމް ކުރައްވާފައިވާކަން ހައިކޯޓުންވަނީ ފާހަގަ ކުރައްވާފައެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ހައިކޯޓުން ވަނީ ސިވިލްކޯޓުން ދިވެހިދައުލަތުން 348 މިލިއަން ރުފިޔާ ދީބާޖާ އަށް ދިނުމަށް ހުކުމްކޮށް ނިންމި މައްސަލަ ބާޠިލުކޮށްފައެވެ.
ހައިކޯޓުން އެގޮތުގެމަތިން ހުކުމްކުރެއްވުމާއެކު ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 14 އޮކްޓޯބަރ 2018 ގައެވެ. އަދި އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމެވީ 17 އޭޕްރީލް 2019 ގައެވެ. ސުޕްރީމްކޯޓުން މި މައްސަލަ ނިންމެވުމަށް ހޭދަވީ 05 މަސްދުވަހެވެ. މި މައްސަލަ ބައްލަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާއިންނެވެ.
ސިވިލްކޯޓުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށް ކޮށްފައިވާ ޙުކުމަކީ ޢަދުލުއިންސާފުގެ ހަމަތަކުން ބަލާއިރު އެތައް މައްސަލަތަކެއް ހުރި ހުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވިޔަސް އިސްތިއުނާފުގެ މުއްދަތު ހަމަވިފަހުން ހައިކޯޓަށް އެމައްސަލަ ބަންޑާރަނައިބުގެ ފަރާތްޕުޅުން ހުށަހެޅުއްވުމުގައި ފާހަގަ ކުރެއްވި ދެ ސަބަބު ކަމަށްވާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމާއި އިސްތިއުނާފު ކުރުމުގެ މަސައްކަތް ހަވާލުވި މުވައްޒަފުގެ އިހުމާލުން މައްސަލަ ހުށަހެޅުން ލަސްވުމާއި މި ދެހާލަތަކީ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަށް މަޤްބޫލު ޢުޒުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނު ނަމަވެސް އެދެ ސަބަބަކީ ހައިކޯޓަށް މައްސަލަ ބަލައިގަތުމަށް މަޤްބޫލު ދެ ސަބަބުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައި ނުގަތުމާއެކު ހައިކޯޓުގެ ޤަޟިއްޔާ ބާޠިލުކޮށް ސިވިލް ކޯޓުގެ ޙުކުމަކީ އިސްތިޤްރާރުވެފައިވާ އެއަށް ޢަމަލުކުރުން ލާޒިމު ހުކުމެއްކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިތުރު ދެފަނޑިޔާރުން ހިމެނޭ ބެންޗަކުންވަނީ ނިންމަވާފައެވެ. ނަތީޖާއަކީ ސިވިލްކޯޓުގެ ހުކުމާ އެއްގޮތަށް ދައުލަތުން 348 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ދިވެހިދައުލަތުގެ މައްޗަށް ލާޒިމުވުމެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކަށް އިސްތިއުނާފުގެ މުއްދަތު ހަމަވުމަށް ފަހު މައްސަލަ ބަލައިގަތުމުގެ ކަންކަން ކުރިއަށް ގޮސްފައިވާ ގޮތްތަކާއި މިންވަރުގެ މައްޗަށް ވަކިދިރާސާއެއް ހަދާ ޝާއިޢުކުރުމަކީ މި މައްސަލައިގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމެކެވެ. ހަމައެއާއެކު، މައްސަލަ ސުޕްރީމް ކޯޓުން ނިންމުމާއެކު މައްސަލައިގެ ނިންމުން ރިވިއު ކޮށްދެއްވުންއެދި ސުޕްރީމްކޯޓަށް އިލްމާސް ކުރާނެކަމަށް ބަންޑާރަނާއިބު ވިދާޅުވިނަމަވެސް އެކަން މި އާޓިކަލް ޝާއިޢުކުރުމާ ހަމައަށްވެސް ތަންފީޒުވެފައެއް ނުވެއެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދީބާޖާއަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށްދާކަމަށެވެ. ހަމައެއާކު ސުޕްރީމްކޯޓުގެ ހުކުމާގުޅިގެން ސިވިލް ކޯޓުގައި ހުކުމް ތަންފީޒު ކުރުމުގެ މަރްހަލާ ހަލުއިކަމާއެކު ފެށިގެން ދިޔައެވެ.
ވުމާއެކު، ދީބާޖާއަށް ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީ ދަތުރު ފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ބުރަޔަކަށް ނުވާގޮތަށް ނުދެވުމުގެ ސަބަބުން ސަރުކާރުން އެއްބަސްވުން ބާޠިލު ކުރުމުންތޯ، ނުވަތަ ސަރުކާރުން ކޮށްދޭންޖެހޭ ކަންކަންކޮށް ނުދެވުމުގެ ސަބަބުން ދަތުރު ފަތުރުގެ ޚިދުމަތް ފޯރުކޮށް ނުދެވުމުން އެއްބަސްވުން ބާޠިލު ކުރުމުންތޯ، ނުވަތަ ސިވިލް ކޯޓުން ޝަރްޢީ ޤާނޫނީ ހަމަތަކުން ބޭރުން ކުރެއްވި ޙުކުމެއްގެ ނަތީޖާއިންތޯ، ނުވަތަ ދައުލަތުން އެމައްސަލަ އިސްތިއުނާފު ކުރުމުގައި ބަންޑާރަނާއިބުގެ ނުވަތަ އެ އޮފީހުގެ ކަމާބެހޭ މުވައްޒަފުގެ އިހުމާލުންތޯ، ނުވަތަ ހައިކޯޓުން މައްސަލައިގައި ޤާއިމްކޮށްދިން އިންސާފު، ޝަރްޢީ ޤާނޫނީ ހަމަތަކަށް ނުފެތޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމެވި ނިންމެވުމުގެ ނަތީޖާއިންތޯ ނިންމެވުމުގައި މި އާޓިކަލްގެ ސަބަބުން އެހީތެރިކަމެއް ލިބޭނެކަމަށް އުންމީދު ކުރަމެވެ.