މެނޭޖިން ޕާރޓްނާރ

ޢަބްދުﷲ ރަޝީދު

ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ފައުންޑަރ އަދި މެނޭޖިންގ ޕާޓްނަރ އަކީ އަލްއުސްތާޛް ޢަބްދުﷲ ރަޝީދު އެވެ. ޕްރޮފެޝަނަލް ކެރިއަރ އެއްގެ ގޮތުގައި ޢަބްދުﷲ ރަޝީދު ވަނީ ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓުތަކާއި، މިނިސްޓްރީ އޮފް ޖަސްޓިސް އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި 1990 ވަނަ އަހަރުން ފެށިގެން 23 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައެވެ. ދިވެހިރާއްޖޭގެ ޝަރުޢީދާއިރާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް ޝަރުޢީދާއިރާގެ އިދާރީ ހިންގުމާބެހޭގޮތުން އެކުލަވާލެވުނު ގިނަ ގަވާއިދުތަކާއި އުޞޫލުތައް އެކުލަވާލުމާއި ޝަރުޢީދާއިރާގެ ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތާއި އެ ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތާއި ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮޓޯމޭޓް ކުރުމުގެ މަސައްކަތާއި ޓެންޑަރ ކޮމިޓީއާއި އެޗްއާރު ކޮމިޓީ ފަދަ ގިނަ ކޮމިޓީތަކުގައިވެސް ދިގު މުއްދަތެއްގައި ޢަބްދުﷲ ރަޝީދުވަނީ މަސައްކަތްކޮށްފައެވެ. ޢަބްދުﷲ ރަޝީދު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު 2014 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2019 އަހަރުގެ ޑިސެމްބަރ މަހާ ހަމައަށް އަދާކޮށްފައެވެ. އެ މުއްދަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފުރަތަމަ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި އެ ޕްލޭން ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭސީސީ ގެ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރއަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިގިނަ މަސައްކަތުގެ އިތުރުން އޭސީސީގެ މަސައްކަތް އޮޓޯމޭޓްކޮށް ޓެކްނޮލޮޖީ ތަޢާރަފް ކުރުމަށް ކުރި ކާމިޔާބު މަސައްކަތްތަކާއި، މައްސަލަތައް ކޮމިޝަނަށް ބަލައިގަތުމުގެ ނިޒާމު ހަރުދަނާކުރުމާއި، އިންވެސްޓިގޭޝަން ނިޒާމު ހަރުދަކާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ޢަބްދުﷲ ރަޝީދުގެ އިސްނެގުމާއި ބައިވެރިވުމާއެކު ކޮށްފައިވެއެވެ. އޭސީސީގެ ފަރާތުން ބޭއްވި ފުރަތަމަ ޤައުމީ މަހާސިންތާ ބޭއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރުމާއި، މަހާސިންތާގެ ނިންމުންތައް ޝާއިޢުކުރުމާއި ތަންފީޒު ކުރުމަށް އެޅި ފިޔަވަޅުތަކަކީ ވެސް މިދާއިރާއިން ފާހަގަ ކޮށްލެވޭ މުހިންމު ކަންތައްތަކެކެވެ. ދައުލަތަށް 29 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމަށް ފަހު ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ ނަމުގައި ލޯފާމެއް ރެޖިސްޓްރީކޮށް ޤާނޫނީ ދާއިރާގެ ޚިދުމަތަށް ޢަބްދުﷲ ރަޝީދު ޚާއްޞަވެފައިވަނީ 15 ޑިސެމްބަރ 2019 ގައެވެ. މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި، ބައިނަރީ ޔުނިވަރސިޓީ ކޮލެޖުން ބެޗްލަރޒް އޮފް ބިޒްނަސް މެނޭޖްމަންޓު ފުރިހަމަ ކުރުމަށްފަހު، މެލޭޝިޔާގެ ޕިނޭންގގައި ޤާއިމް ކޮށްފައިވާ ޔުނިވަރސިޓީ ސައިންސް މެލޭޝިޔާ (ޔޫއެސްއެމް) ގައި މާރސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު، ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޢަބްދުﷲ ރަޝީދުވަނީ ފުރިހަމަ ކޮށްފައެވެ. 2015 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޕާޓްޓައިމް ލެކްޗަރަރ އެއްގެ ގޮތުން ކޮންޓްރެކްޓާބެހޭ ޤާނޫނު ކިޔަވައިދެމުން ގެންދާ އަލްއުސްތާޛް ޢަބްދުﷲ ރަޝީދު ރާއްޖޭގެ އެހެން ބައެއް ކޮލެޖުތަކުގައިވެސް ކިޔަވައިދެއްވައެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މައްޗަށް އިނގިރޭސި ހައުސް އޮފް ލޯޑްސްގެ ނިމެވުންތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފޮތެއްކަމަށްވާ "ކޮންޓްރެކްޓާބެހޭ ޤާނޫނު – ޤާނޫނުގެ ސިފަތަކާއި ޤާނޫނުން ލިބިދޭ ފުރުޞަތުތައް ދެނެގަތުން" ވަނީ ޢާންމުކޮށް ޝާއިޢުކޮށްފައެވެ. މިފޮތަކީ ޤާނޫނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ ގިނަ މަޢުލޫމާތު ހިމަނައިގެން އެކުލަވާލާފައިވާ ފޮތެކެވެ. އަދި ޤާނޫނީ ދާއިރާގެ ތަފާތު މަޢުޟޫޢުތަކަށް ގިނަ އާޓިކަލްތަކެއް ލިއުއްވާ ރާއްޖޭގެ ބައެއް ނޫސްމިޑިއާތަކުގައި ޢަބްދުﷲ ރަޝީދުވަނީ ޝާއިޢުކޮށްފައެވެ.