ކުށެއްނެތް މައުސޫމު މީހުން ޖަލަށްލުން- ޢަދުލު އިންސާފު ބީވުން


| އާދީއްތަ، 12 އޭޕްރީލް 2020 07:11



ކުށެއްނެތް މައުސޫމު މީހުންގެ މައްޗަށް ކުށް ސާބިތުވެ އަދަބު ލިބުމަކީ ތަހުޒީބު މުޖްތަމަޢުތަކުގައި ވެސް ހިނގާކަމެކެވެ. އެމެރިކާގެ ނޯތު ކެރޮލީނާގައި އުމުރުން 11 އަހަރުގެ ސަބްރީނާ ބޫއީ ގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި އޭނާ މަރާލުމުގެ ކުށް ސާބިތުވެ 30 އަހަރު ޖަލުގައި ހޭދަކުރި، ހެންރީ ލީ މެކްކޮލަމް އާއި ލިއޯން ބްރައުން އާ ދެފަރާތްވަނީ، އެމީހުންނަކީ ކުށެއްނެތް މައުސޫމު ބައެއްކަން ފަހުން ހެދި ޑީއެންއޭ ޓެސްޓުން ސާބިތުވުމާއެކު ފަނޑިޔާރު ރޮބޭސަން ކައުންޓީ ގެ އަމުރަށް މިނިވަންކޮށް ދޫކޮށްލާފައެވެ.

މެކްކޮލަމްގެ މައްޗަށް މަރުގެ ޙުކުމް އިއްވީ އޭނާގެ އިޢުތިރާފުގެ މައްޗަށެވެ. ނަމަވެސް އެދުވަސްވަރު ހިންގުނު ތަޙްޤީޤު ތަކުގެ ރެކޯޑިން އޮތުން ޤާނޫނު ލާޒިމް ނުކުރާތީ އޭނާގެ އިޢުތިރާފުގެ ރެކޯޑިންގ ނެތްކަމަށް ފުލުހުންވަނީ އިޢުތިރާފު ވެފައެވެ. ޅައުމުރުގައި ތަންފީޒު ކުރަން ޖެހުނު ޖަލު ހުކުމުގެ ސަބަބުން ދެމީހުންނަށް ބޮޑެތި ނަފްސާނީ މައްސަލަތަކާވަނީ ކުރިމަތިވެފައެވެ. ނަމަވެސް 30 އަހަރު ފަހުން ނަމަވެސް އިންސާފު ލިބުނީތީ އެކަމާ އެމީހުންގެ ވަކީލުންނާ އާއިލާއިން އުފާކުރިއެވެ. އަދި ތަޙްޤީޤުތަކުގެ ފެންވަރު ރަނގަޅުކޮށް މައްސަލަތަކުގައި ތެދު ހަޤީޤަށް ހޯދައިގަތުމުގެ މުހިންމުކަން ވަނީ އެމީހުންގެ ޤާނޫނީ ވަކީލުން ފާހަގަ ކޮށްފައެވެ. (މަޢުލޫމާތު: އޭއެފްޕީ 30 ސެޕްޓެމްބަރ 2014).

މިފަދަ ކިތަންމެ ހާދިސާއެއް އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ހިނގާފައިވެއެވެ. ޔުނިވަރސިޓީ އޮފް ބްރިސްޓޯލްގެ ސީނިއަރ ލެކްޗަރ އަދި އެ ޔުނިވަރސިޓީއިން އިނގިރޭސިވިލާތުގައި ހިންގި އިނޮސެންޓް ޕްރޮޖެކްޓުގެ ފައުންޑަރ އަދި ޑިރެކްޓަރ ޑރ. މިޝޭލް ނައުޓަން ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތާއި އެމެރިކާގެ ބައެއް މީހުން ހީކުރަނީ ޢަދުލުއިންސާފުގެ ނިޒާމުގެ ތެރެއިން މީހަކަށް ނުޙައްޤުން އަދަބެއް ލިބުމަކީ، އަދި ޚާއްޞަ ގޮތެއްގައި އެމީހަކު ނުކުރާ ކުށަކަށް އަދަބު ލިބުމަކީ ވަރަށް ނާދިރު ހާލަތެއްގައި މެނުވީ ނުވާނެކަމެއް ކަމަށެވެ. އެފަދަ ކަމެއް ހިނގާނަމަ ހިނގާނީވެސް ވަރަށް އިސްތިސްނާ އަދި މަދު ހާލަތެއްގައި ކަމަށެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނޫނެވެ. މީސްމީހުންގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށްތައް ޝަރްޢީ އެކި މަރުހަލާތަކުން ފުރޮޅިގެން ދިއުމާއި ޖަލުގައި ދުވަސްތައް ހޭދަކޮށް އެމީހަކާމެދު އިންސާފުންބޭރުން ކަންކަން ކުރެވުމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އާއްމުކޮށް ހިނގާ ކަންކަމެވެ. ކޮންމެ ދުވަހަކުވެސް އެފަދަ ކަންކަން ހިނގައެވެ. އަދި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ޒިންމާ ޙަވާލުވެފައިވާ ފަރާތްތަކުގެ މައްޗަށް ލާޒިމްވެގެންވަނީ އެފަދަ ކަންކަން ހިނގަން ހުރި ފުރުސަތުތައް ވީއެންމެ ބޮޑަކަށް ނައްތާލުމެވެ. 

އިނގިރޭސިވިލާތުގައި ހިނގާފައިވާ މިފަދަ ބައެއް ހާދިސާތަކަށް ބަލާލަމާތޯއެވެ. ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ވިކްޓަރ ނީލަން ގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 1997 ވަނަ އަހަރުއެވެ. އޭނާއަކީ އެ ކުށުން ބަރީއަވެފައިވާ މީހެއްކަމަށް ފާހަގަ ކުރެވުމާއެކު އޭގެ 17 އަހަރު ފަހުން 2013 ވަނަ އަހަރު ވަނީ އޭނާ ޖަލުން މިނިވަންކޮށް ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ އަނިޔާ ލިބުނު ފަރާތް ލައިގެން ހުރި ހެދުމުން، ހޯދުނު ޑީއެންއޭ ނީލަންގެ ޑީއެންއޭ އާ ދިމާ ނުވުމުންނެވެ. 1997 ވަނަ އަހަރު ހިންގި ނީލަންގެ ޝަރީޢަތުގައި ކޯޓުންވަނީ ހެއްކެއްގެ ގޮތުގައި ބޭނުން ކުރުމަށް ޑީއެންއޭ ލިބިފައި ނުވާކަމަށް ކަނޑައެޅި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކޮށް އޭނާ ޖަލަށް ލާފައެވެ. ނަމަވެސް އަމިއްލަ ފަރާތަކުން ފަންޑުކޮށްގެން ހިންގި ޑީއެންއޭ ޓެސްޓް ކުރުމެއްގައި އެނގިގެން ގޮސްފައިވަނީ އަނިޔާ ލިބުނު ފަރާތުގެ އަންނައުނުތައް ސީލްކުރެވިފައިވާކަމާއި ތަޙްޤީޤު މަރްޙަލާގައި އެއިން ޑީއެންއޭ ނަގައި ޓެސްޓް ހަދަފައި ނުވާކަމެވެ. ކަންދިމާކުރި ގޮތުން އަނިޔާލިބުނު ފަރާތުގެ އަންނައުނުން ފެނުނު ޑީއެންއޭ ނީލަން ގެ ޑީއެންއާ ދިމާނުވާކަމާއި، އެ ޑީއެންއޭ ދިމާވަނީ އެހެން ފިރިހެނެއްގެ ޑީއެންއޭއާކަން އެނގިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ކްރިމިނަލް ކޭސް ރިވިއު ކޮމިޝަނުން ޑީއެންއޭ ގެ ތެރެއިން ލިބުނު ހެކި ދެވަނަ ފަހަރަށް ތަޙްޤީޤު ކުރުމަށް ދެކޮޅު ހެދިއެވެ. އަދި މރ.ނީލަން އޭނާގެ ޙައްޤު ހޯދުމަށް ކުރި ތިންވަނަ އިސްތިއުނާފުގެ މައްސަލަ ބަލައިގަތެވެ. ނީލަންގެ ކުށެއް ނެތްކަމަށް ކަނޑައަޅާ ޑިސެމްބަރ 2013 ގައި އޭނާ މިނިވަންކުރިއެވެ. ޖަލުން ދޫކޮށްލުމާއެކު 46 ޕައުންޑް ނީލަންއަން ޖަލުން ދޫކޮށްލުމުން ދޭ ޢިނާޔަތުގެ ގޮތުގައިދިނެވެ. ނަމަވެސް ޖަލުގައި ހޭދަކުރި 17 އަހަރު ދުވަހުގެ ބަދަލެއްގެ ގޮތުގައި އޭނާއަށް އެއްވެސް އެއްޗެއް ދިނުމަށް މިނިސްޓްރީ އޮފް ޖަސްޓިސް އިން ދެކޮޅުހެދިއެވެ. (ޓެލެގްރާފް، ޔޫކޭ 04 ސެޕްޓެމްބަރ 2014) 

މިފަދަ އެހެން ކޭސްއަކަށް ބަލާއިރު، ސޭމް ހައްލަމް އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހުނީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައި ޓްރެއިނީ ޝެފް އެސާޔަސް ކަސައުހަންގެ މަރުގެ މައްސަލައިގައި 2005 ވަނަ އަހަރުއެވެ. ޖަލުގައި 07 އަހަރު ހޭދަކުރި ފަހުން 2012 ވަނަ އަހަރު އޭނާ މިނިވަންކުރަން ޖެހުނީ ހާދިސާ ހިނގިތަނުގައި އޭނާ ނެތްކަން އޭނާގެ މޯބައިލް ފޯނުގެ ލޮކޭޝަން އިން އެނގިގެން ދިއުމާއި، މައްސަލައިގެ ތަޙްޤީޤުގައި ޕޮލިހުން ހައްލަމްގެ މޯބައިލް ފޯނު ހޯދާ ތަޙްޤީޤު ކޮށްފައި ނުވާކަން އެނގިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ހައްލަމް ޖަލައްލުމުގެ ހިތާމައިގައި އޭނާގެ ބައްޕަވަނީ ދަންޖެހިގެން މަރުވެފައެވެ. ޖިނާއީ ޢަދުލުގެ ނިޒާމުން ހައްލަމްއަށް ލިބުނު ގެއްލުމަށް އެއްވެސް ބަދަލެއް އޭނާއަކަށް ނުލިބުނެވެ. 

އެހެން ކޭސްއަކަށް ބަލާއިރު، ބެރީ ޖޯޖް ކިޔާ ފަރާތެއް ހައްޔަރު ކުރެވުނީ މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް 2001 ވަނަ އަހަރު ސާބިތުވި ޖަލުހުކުމް އިސްތިޢުނާފުގެ ދެވަނަ މަރްޙަލާގައި 2008 ގައި ސައިންޓިފިކް ހެކިތަކަށް މައްސަލައިގެ ތަޙްޤީޤުގައި ނުބަލާއޮތްކަން ޝަރީޢަތުގައި ސާބިތުވުމާއެކު 8 އަހަރު ފަހުން އޭނާއަށް އިންސާފުލިބި ޖަލުން ސަލާމަތްވިއެވެ. ނަމަވެސް އޭނާއަށް އެކަމާގުޅިގެން އެއްވެސް ބަދަލެއް ނުލިބުނެވެ.

މިފަދަ އެހެން ކޭސްއަކަށް ބަލައިރު، ސެލީ ކްލާކްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވަނީ 1999 ވަނަ އަހަރުއެވެ. އެއީ، 1999 ވަނަ އަހަރު އޭނާގެ 3 އަހަރުގެ ފިރިހެން ދަރިފުޅު މަރާލުމާއި، 2 މަހުގެ ދަރިފުޅު 1998 ވަނަ އަހަރު މަރާލުމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުކުރީ މައްސަލައިގައި ކޯޓަށް ހާޒިރު ކުރި ހަބީރެއް ކަމަށްވާ ޕްރޮފެސަރ ރޯއީ މެޑޯ ގެ ބަހުގެ މައްޗަށެވެ. ފަހުން އެނގިގެން ދިޔަ ގޮތުގައި މައްސަލައިގައި ހަބީރެއްގެ ގޮތުގައި ހާޒިރު ކުރެވުނު ފަރާތުން ދިން މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނެވެ. އަދި އޭނާގެ ކުށެއް ނެތްކަން އެނގިގެން ދިއުމުން ޖަލުން މިނިވަން ކުރިއެވެ. އޭގެ ފަހުން ބަނގުރަލަށް ދެވިހިފާ، ވިހަވުމުގެ ސަބަބުން ކްލާކް މަރުވިއެވެ. ކުރިން ބުނެވުނު ޕްރޮފެސަރ ރޯއީ މެޑޯގެ ބަހުގެ މައްޗަށް ޙުކުމް ކޮށްފައިވާ އެންޖެލާ ކޭނިންގެ މައްސަލަވެސް އަލުން ބަލާ އޭނާގެ ކުށެއްނެތްކަމަށް ކަނޑައަޅާ މިނިވަން ކުރެވުނެވެ.

އެހެން ކޭސްއަކަށް ބަލާލަމާތޯއެވެ. ޕޯލް ބްލެކްބާން ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި މަރާލުމުގެ ކުށްސާބިތުވެ އޭނާގެ އުމުން އެންމެ 15 އަހަރުގައި 1978 ގައި ޖަލަށް ލެވުނެވެ. ޖަލުގައި 25 އަހަރު ހޭދަކުރި ފަހުން 2003 ވަނަ އަހަރު މިނިވަން ކުރެވުނީ އޭނާ ކުށް ކުރި ކަމުގެ އެކަށީގެންވާ ހެކި ކޯޓަށް ހުށަހެޅިފައި ނެތްކަމަށް ބަލާފައެވެ. އޭނާގެ މައްޗަށް ކޯޓުން ކުށް ސާބިތުކުރީ މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ އިޢުތިރާފުގެ ބަޔާނުގެ މައްޗަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ބްލެކްބާން ފަދަ ރަނގަޅު ތަޢުލީމެއް ލިބިފައިނެތް ޢުމުރުން އެންމެ 15 އަހަރުގެ ކުއްޖަކަށް އޭނާގެ އިޢުތިރާފުގެ ބަޔާނުގައި ބޭނުންކޮށްފައިވާފަދަ ޤާނޫނީ ބަހުރުވަ ބޭނުން ކުރާކަށް ނޭންގޭނެއެވެ. ވުމާއެކު، އެބަޔާނަކީ އޭނާގެ އިޢުތިރާފުގެ ބަޔާނެއްކަމަށް ބަލައިނުގަތީއެވެ. އަދި ތަޙްޤީޤު ކުރި ފަރާތުން އެފަރާތުން ބޭނުންވާ ގޮތަށް ލިޔެ ބްލެކްބާން ލައްވާ ސޮއިކުރުވާފައިވާ ބަޔާނެއްކަމަށް ސާބިތުވެ އޭނާ މިނިވަން ކުރެވުނެވެ. އޭނާގެ އިޢުތިރާފުގެ ބަޔާން ފިޔަވާ މައްސަލައިގައި އިތުރު ހެއްކެއް އޭނާއާ ދެކޮޅަށް ހުށަހެޅިފައި ނެތުމުން ކޯޓުން އޭނާ މިނިވަންކުރީއެވެ. އޭނާ މިނިވަން ކުރި އިސްތިއުނާފުގެ ކޯޓުން ދެކުނީ އޭނާގެ އިޢުތިރާފުގެ ބަޔާނަކީ ކުށްސާބިތުކުރުމަށް އެކަށީގެންވާ ހެއްކެއް ނޫންކަމުގައެވެ.

ދެންނެވުނު ފަދަ އެތައް ހާދިސާއެއް ކުރިއަރާފައިވާ ޤައުމުތަކުގައި ހިނގާފައިވާއިރު ތަރައްޤީވަމުންދާ ޤައުމުތަކުގައި މީހުންގެ މައްޗަށް ކުށް ސާބިތުކުރުން އޮންނާނީ ކިހާ ހިސާބެއްގައި ކަމާމެދު ސުވާލު އުފެދޭތޯއެވެ. ޑރ.ނައުޓަން ބަޔާންކޮށްފައިވަނީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހުކުމް ކުރުމަށް ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ހޯދިފައިވާ ހެއްކާ ގަރީނާއަށް ބުރަވެގެން، އަދި އެފަދަ ހެކި ވަޒަންކުރުމުގައި ތެދުވެރިކަމާ އަމާނާތްތެރިކަން ވަރަށް ބޮޑަށް ނެތްނަމަ ނުޙައްޤުން މީސްމީހުންނަށް އަދަބުތައް ލިބުމުގެ ފުރުސަތު އަބަދުވެސް އޮންނާނެކަމަށެވެ. މިގޮތުން ހޯދާ ހެކި މިޒަމާނުގެ ޢިލްމީ އުސޫލަތަކުން ވަޒަން ކުރެވެން ޖެހޭކަމާއި އަދި ހަބީރުންގެ ގޮތުގައި ހާޒިރު ކުރެވޭ ފަރާތްތަކާއި އިޢުތިރާފުގެ ބަޔާންތަކާއި ހެކިންގެ ގޮތުގައި ހާޒިރު ކުރެވޭ ފަރާތްތަކުގެ ބަހަށް މައްސަލާގައި، ގޮތް ނިންމުމުގެ ކުރިން ވަރަށް ބޮޑަށް ބެލެވެން ޖެހެއެވެ. ނޫނީ ކުށެއްނެތް މީސްމީހުންގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އިހުތިމާލު ވަރަށް ބޮޑަށް އޮންނާނެއެވެ. ކޮންމެ ދައުލަތެއްގެ ޒިންމާއެއްކަމުގައި ވާންޖެހޭނީ ފަހަރެއްގައި ކުށެއް ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުކުރެވިގެން ވީއްލުނު ނަމަވެސް ކުށެއްނެތް މީހެއްގެ މައްޗަށް އަދަބެއް ކަނޑަނޭޅޭނެ ގޮތެއްގެ މަތިން ކަންކަން އިންތިޒާމު ކުރުމެވެ.

ޝަރީޢަތަށް ހުށަހެޅޭ ކޮންމެ ހެއްކަކީވެސް އޭގެ ޒާތުގައި ވަރަށް ރަނގަޅަށް ދިރާސާ ކުރެވެންޖެހޭ ހެއްކެކެވެ.  މިސާލަކަށް މީހަކާ ސަލާމް ކޮށްލުމަށް ފަހު، ގޮސް ފިސްތޯލައަކުން މީހަކު މަރާލައިފިނަމަ ސަލާމް ކުރެވުނު މީހާގެ ޑީއެންއޭ އެ ފިސްތޯލައިން ފެނުމުގެ ފުރުސަތު އޮތްކަމަށް ޑރ. ނައުޓަން ވިދާޅުވެއެވެ. އެހެންވީމާ ހަމައެކަނި ޑީއެންއޭ އަށް ބަރޯސާ ވުމަކީވެސް ކުށް ސާބިތު ކުރުމަށް ހަމައެކަނި އޮތްގޮތްކަމަށް ވެގެންނުވާނެއެވެ. އަދި އެ ޑީއެންއޭ އެ އެއްޗަކަށް ނަގުލުވިގޮތް ތަޙްޤީޤުގައި ވަރަށް ރަނގަޅަށް ބެލެވެން ޖެހެއެވެ. ޕެރޯލް ނިޒާމުގެ ތެރެއިން ބޮޑެތި ކުށްވެރިން ވީއްލިގެން ދާއިރު ކުށެއްނެތް މައުސޫމު ފަރާތްތައް ނިޒާމުގެ ތެރެއިން ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހޭތަން އަންނަނީވެސް ކޯޓުތަކުން އަދަބު ދިނުމުގައި ބައެއް ފަހަރު ގެންގުޅެވޭ ތިލަ ވިސްނުމުގެ ސަބަބުން ކަމަށް ޢިލްމުވެރިން ދެކެއެވެ.

އިނގިރޭސިވިލާތުގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ ކިތަންމެ ފުރިހަމަ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމެއް ނަމަވެސް ޢަދުލު އިންސާފު ނުލިބި ހަވާސާވެގެންދާ ފަރާތްތައް މިވަގުތުވެސް ތިބިކަމީ ފެންނަމުންދާ ހަޤީޤަތެކެވެ. ރާއްޖޭގައި ކުށެއްނުކުރާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އަދަބު ކަނޑައެޅިއްޖެނަމަ އޭނާއަށް ލިބޭނީ ކޮށް ފުރުސަތެއްތޯއެވެ. އިނގިރޭސިވިލާތުގައި ޤާއިމް ކުރެވިފައިވާފަދަ ކްރިމިނަލް ޖަސްޓިސް ސިސްޓަމެއް ރާއްޖޭގައި އަދި ޤާއިމްވެފައި ނެތިދާނެއެވެ. ވުމާއެކު ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް ހުރީ ކުށެއް ނުކުރާ މީހަކަށް އެފަދަ އަދަބެއް ދެވިއްޖެނަމަ އެމީހަކަށް ޖަލުގެ ގޮޅިން ނުކުމެވޭފަދަ ގޮތަކަށްތޯއެވެ. 

ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބަލާއިރު ޖިނާއީ ޢަދުލުގެ ނިޒާމުގެ އެންމެ މުހިންމު އެއް ތަނބަކީ ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް ދެންނެވިދާނެއެވެ. އެ މަޤާމުގެ މުހިންމުކަން އިތުރަށް ސާބިތުކޮށްދެނީ ރާއްޖޭގެ ޤާނޫނުއަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދީފައިވާ އަހަންމިންޔަތުކަމެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނިންމުންތަކުން ތަޙްޤީޤު މަރްޙަލާގައި ޕީޖީ އަދާކުރަންޖެހޭނެ ދައުރުވަނީ ސާފުކޮށް ކަނޑައަޅާފައެވެ. 

ޖިނާއީ ޢަދުލުގެ ނިޒާމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ދައުރު ވަރަށް ފުރިހައަށް ޤާނޫނޫއަސާސީގެ 220 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެމާއްދާގެ (ނ) ގައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްއަކީ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އޭނާއަށް (ޤާނޫނުއަސާސީއާއި ޤާނޫނުތަކުން) ލިބިދީފައިވާ ބާރުތައް ބޭނުން ކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެނެއް ނުވާނެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ހުރެ ބަންޑާރަ ނާއިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އަދި އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރާންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީ ވުމުގެ މައްޗަށެވެ. 

ޤާނޫނޫއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންވެސް ގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަޙްޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެމާއްދާގެ (ފ) ގައި ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ވެސް ޕްރޮސެކިއުޓަރ ޖެނެރަލްއާވަނީ މަތިކޮށްފައެވެ. 

ދެންނެވުނު މާއްދާތަކަށް ބަލާއިރު ޖިނާއީ ޢަދުލުގެ މުޅި ނިޒާމު ހިންގުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކޮށް މުޅި ޤައުމުގެ މަސްލަހަތު ޙިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއްފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްކަމުގައި ދެންނެވިދާނެއެވެ. ޖިނާއީ މައްސަލަތައް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ބާރުވެސް ލިބިގެންވަނީ ޕީޖީއަށެވެ. މިހުރިހާ ވާހަކަތަކެއް މިހާސާފުކޮށް ޤާނޫނުއަސާސީގައި ލިޔެފައިވުމުގައި ސަބަބުތަކެއް ހުންނާނެއެވެ. އަދި މާޒީއަށް ބަލާއިރު ރާއްޖޭގައި ޕްރޮސެކިއުޓަރ ޖެނެރަލުން ބައެއް މައްސަލަތައް ތަޙްޤީޤު ކުރުމުގެ އަމުރު ނެރެފައިވާތަން ރެކޯޑުތަކުންފެންނަން އެބަހުއްޓެވެ. 

އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ އެކުށުގެ އަދަބު އެމީހެއްގެ މައްޗަށް އިންސާފުވެރިކަމާއެކު ތަންފީޒު ކުރެވެން ޖެހެއެވެ. އެމީހަކަށް މަޢާފުލިބި ދޫކޮށްލެވެންދެނެވެ. އަދި މީހެއްގެ މައްޗަށް ސާބިތުވާ ކުށެއް ސާބިތުވި ފަހުން އެމީހެއްގެ މައުސޫމުކަމަށް ބެލެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ޤާނޫނުއަސާސީއަށް ބަލާއިރު ޢަމަލުކުރުން ލާޒިމްވެގެންވާ ގޮތަކީ މައްސަލައިގައި ފަހުން ފެނުނު ހެކިތަކުގެ މައްޗަށް އަލުން ތަޙްޤީޤެއް ހިންގުމަށް ކަމާބެހޭ ފަރާތަށް އަމުރެއް ނެރުމެވެ. އަދި މި ގޮތުން ނެރޭ އަމުރުގެ މައްޗަށް ތަޙްޤީޤު އިދާރާއިން ހޯދާ ހޯދުންތަކަށް ބެލުމަށްފަހު، މައްސަލަ ޖެހެނީ އިސްތިއުނާފު ކުރާށެވެ. ނުވަތަ ޖުޑީޝަލް ރިވިއުއަކަށް ހުށަހަޅާށެވެ. އެއްވެސް މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ އެމީހަކު ނުކުރާ ކަމެއްގެ މައްޗަށް ސާބިތުވި ކުށެއްކަމަށް ކަނޑައެޅުނު އެތައް ހާލަތްތަކެއްގެ މިސާލުތަކެއް ކުރިން ވާނީ ބަޔާން ކޮށްފައެވެ. މިގޮތުން މައްސަލައިގައި ފަހުން ލިބުނު ހެކިތަކާއި، ކުރިން ހޯދުނު ހެކި ހޯދުނު ގޮތާއި، ހެކި ވަޒަން ކުރެވުނުގޮތް ފަދަ ކަންކަން ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގައި ގޮތް ނިންމަނީ ހަމަ ފަނޑިޔާރުގެއިންނެވެ. އެމީހާ ޖަލުގައި ތަންފީޒު ކުރަމުންދާ ޙުކުމް އެގޮތުގައި ދެމެހެއްޓުމާއި އެމީހަކީ މައުސޫމު މީހެއްކަމަށް ބަލަންޖެހޭފަދަ ސަބަބެއް އޮތްނަމަ، އެމީހަކު މިނިވަން ކުރުމަކީ ކޯޓުތަކުގެ ބާރުގެ ދަށުގައިވާ ކަމެކެވެ. 

ރާއްޖޭގެ ދުސްތޫރީ ނިޒާމު ރޭވިފައިވަނީ ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ޖިނާއީ ޢަދުލުގެ ނިޒާމު އިންސާފުވެރިކަމާއެކު ހިނގާނެ ގޮތަކަށެވެ. އެ މަސްއޫލިއްޔަތުތައް ހަވާލުވެފައިވާ ހުރިހާ ފަރާތަކުން ޤާނޫނުއަސާސީއާ ޤާނޫނުތަކަށް އަހުލުވެރިވެ ކޮންމެ ފަރާތަކުންވެސް މާތްﷲ ގަންދީ ކޮށްފައިވާ ހުވަޔާއެއްގޮތަށް ކަންކަން ކުރީމާ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޢަދުލުއިންސާފު ނިޒާމުތަކުގައި ހިނގާފަދަ ޢަދުލު އިންސާފު ބީވެގެން ދިއުމުގެ ތަޖްރިބާ ރާއްޖޭގައި ކުރާކަށް ނުޖެހޭނެއެވެ. 

އަލްއުސްތާޛް ޢަބްދުﷲ ރަޝީދު ލިޔެފައިވާ މި އާޓިކަލްވަނީ 29 ޖުލައި 2017 ގައި ވީމީޑިއާ ވެބްސައިޓުގައި ޕަބްލިޝްކޮށްފައެވެ.

މަޢުލޫމާތު ނަގާފައިވަނީ: 

ކޮމެންޓު

ލިޔާނީ ދިވެހިން ލިޔާނީ އިނގިރޭސިން

450